ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓް ތަކުން ވިޔަފާރިތަކަށް ޖާގަ ދޫކުރުމަށް ހުޅުވާލައިފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ ގްރައުންޑް ފްލޯއިން ޒަރޫރީ ބޭނުންތަކަށާއި އާންމު ޚިދުމަތްތައް ޖާގަދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ބޭސްފިހާރަތަކުގެ އިތުރުން ކެފެޓޭރިއާއާއި ސުޕަރމާކެޓް ވިޔަފާރިތަކަށް ޖާގަ ދޫކުރުމަށް ވަނީ ހުޅުވާލާފަ އެވެ.

Ad
rt

ކްލިނިކް ހެދުމަށް 2196 އަކަފޫޓުގެ ޖާގަ ދޫކުރުމަށް ކަނޑައަޅާފައިވާއިރު ބޭސްފިހާރަ އާއި ކުލިނިކް ހިންގުމަށްވެސް 542 އަކަފޫޓުގެ ސްލޮޓެއް ކަނޑައަޅާފައިވާކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ ހިޔާ ފްލެޓް 6 އާއި 14 އިން 3000 އަކަފޫޓަށްވުރެ ބޮޑު ދެ ޖާގަ، ސުޕަރމަރކެޓް ހިންގުމަށް ކަނޑައަޅާފައެވެ. ކާބޯތަކެތި ވިއްކާ ކުދި ފިހާރަތަކަށް ޖާގަ ދޫކުރުމަށްވެސް އެޗްޑީސީން ވަނީ 1000 އަކަފޫޓުގެ ކަނޑައަޅާފައެވެ. ކާބޯތަކެއްޗާއި ކުދި ވިޔަފާރިތަކުގެ އިތުރުން ކެފެޓީރިއާ ހެދުމަށްވެސް ހިޔާ ފުލެޓް ތަކުން 2 ޖާގަ ވަނީ ޚާއްސަކޮށްފައެވެ. އެއީ ހިޔާ ފްލެޓް 12 އިން 926 އަކަފޫޓާއި ހިޔާ ފްލެޓް 15 އިން 1085 އަކަފޫޓުގެ ޖާގައެވެ.

ކްލިނިކް އަދި ބޭސްފިހާރަތައް ހިންގަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިންނެވެ.

ކާބޯތަކެއްޗާއި ކުދި ވިޔަފާރިތަކަށް ހިޔާ ފްލެޓް 12 އާއި 16 އިން ޖާގަ ދޫކުރުމަށް ނިންމާފައިވާއިރު ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 20ގެ ކުރިން ނެވެ.