ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި، ރާއްޖޭގެ މުއާސަލާތީ ކުންފުނި އުރީދޫއިން ފޯރުކޮށް ދެމުންދާ އިންޓަނެޓްގެ ޚިދުމަތް ތިން ގުނަ ވަރުގަދަކޮށްފައިވާ ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

ސީއީއޯ ނަޖީބް ކުރައްވާފައިވާ ޓްވީޓްގައި ވަނީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 5 ލައްކައިގެ އަމާޒު ހާސިލު ކުރުމުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާޢީ އެމްއޭސީއެލްއަށް މަރުހަބާ ވިދާޅުވެފަ އެވެ.

Ad
rt

އެގޮތުން އިތުރުވަމުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމާއި މިކަމުގައި ހިތްވަރު ދިނުމުގެ ގޮތުން އެއާޕޯޓުގެ އިންޓަނެޓް ތިން ގުނަ ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއީއޯ ނަޖީބްގެ ޓުވީޓު ހިމަނައި، އުރީދޫއިން ކުރި ޓުވީޓެއްގައި ވެސް ވަނީ ކޯވިޑްގެ ހާލަތާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓިފައި އޮތުމަށްފަހު އަނެއްކާ ވެސް ފަތުރުވެރިން އަންނަން ފެށުމުން، އެމީހުންނަށް މަރުޙަބާ ކިޔުމާއިއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުރީދޫން ދޭ އިންޓަނެޓް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބުނެފައެވެ.

އެކުންފުނިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު 24 ގަޑިއިރު ޚިދުމަތްލިބޭ، ޑިޖިޓަލް ކިއޯސްކްއިން ސިމްކާޑް ރެޖިސްޓަރކޮށް އިޝޫ ކުރުމުގެ އިތުރުން ސިމް ކާޑު ރިޗާރޖް ކުރެވޭނެ ގޮތް ފަހިކޮށްދީފައިވާ ޑިޖިޓަލް ކިއޯސްކް އެއްވެސް ވީއައިއޭގައި ބަހައްޓާފައެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން އުރީދޫގެ ހިދުމަތްތައް އަމިއްލައަށް ހޯދޭނެ ޑިޖިޓަލް ކިއޯސްކް އެކެވެ.

މީގެއިތުރުން އުރީދޫއިން ވަނީ ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށާފައެވެ. ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުފެށި މިކެމްޕެއިންގައި އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް މެސެޖުތައް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.