ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާފައިވާ ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފިއެވެ.
އެކަން ހާމަކުރެއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމެއްގައިއެވެ.
އެ އެންގުމެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރައްދުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ކާފިއު ހިންގުން ރެއިން ފެށިގެން ހުއްޓާލި ނަމަވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އެހެން ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެ.
ރާއްޖެއިން ފުރަތަމަ ކޯވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހު ރިސޯޓަކުންނެވެ. އަދި މާލެއިން ފުރަތަމަ ކޯވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން އެކި ފަހަރު މަތިން އެޗްޕީއޭއިން ވަނީ މާލެ ސަރަޙައްދުގައި ކާފިއުގެ ގަޑިތަކަށް ބަދަލުތައް ގެނެސްފައެވެ.
އެޗްޕީއޭއިން އަންނަނީ ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ރިއާއަތްކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!