ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ވައިކަރަދޫއިން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް "ތިލަދުން" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަސީމް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ، ހޯމް ކަރަންޓީނުގައި ހުރި އުމުރުން ފަސް އަހަރުގެ ކުއްޖެއް ކަމަށެވެ.
ޕޮޒިޓިވްވީ ކުއްޖާ ހިމެނޭ ޢާއިލާގައި އިތުރު ކުޑަކުއްޖަކުވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވީ ކުއްޖާއާއިއެކު ޖުމްލަ 6 މީހުން ހޯމް ކަރަންޓީނުގައި ތިބި ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހު، ނެގުނު ރިލީޒް ސާމްޕަލުން ނެވެ.
ވައިކަރަދޫން ކޯވިޑަށް ކުއްޖަކު ޕޮޒިޓިވްވިއިރު، މިއަދު ވަނީ ހއ. ކެލާއިން ވެސް ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ކޮންޓްރޯލް ވަމުން އަންނާތީ އެޗްޕީއޭއިން ދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދެމުންނެވެ. މިގޮތުން ރޭ ވަނީ ޑިސެމްބަރު 20 ވަނަ ދުވަހުން ފެށީގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާއްތައް ބާއްވަން ހުޅުވާލައި، ގައިޑްލައިންތަކާ އެއްގޮތަށް ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން ހުޅުވާލަން ހުއްދަދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!