ހދ. މަކުނުދޫގައި އެއް މިސްކިތުގައި މިއަދު ހުކުރު ނަމާދުކުރީ، މުވައްޒަފުންގެ ދަތިކަން ދިމާވެ، މިސްކިތް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމުން ކަމަށް މަކުނުދޫ ކައުންސިލުން ބުނެފިއެވެ.
މަކުނުދޫގައި ހުކުރު ނަމާދު ކުރަމުން އަންނަނީ ދެ މިސްކިތެއްގައެވެ. އޭގެ ތެރެއިން މިސްކިތަކީ މިއަދު ހުކުރު ކުރި މަސްޖިދުލް ތަޤްވާއެވެ. އަނެއް މިސްކިތަކީ މިއަދު ހުކުރު ކުރެވޭގޮތް ނުވި ސިއްދީގު މިސްކިތެވެ.
މަކުނުދޫ ކައުންސިލުން މިއަދު ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދު އެރަށުގައި ހުކުރު ނަމާދު ކުރާނީ އެއް މިސްކިތުގައި ކަމަށް ބުނެފައެވެ. ސަބަބަކީ، މިސްކިތްތައް ބެލެހެއްޓޭ ވަރަށް މުވައްޒަފުން ނެތުން ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
''މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން މިއަދު ހުކުރު ނަމާދު ކުރުން އޮންނާނީ، ހަމައެކަނި ތަޤްވާ މިސްކިތުގައި ކަމުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި ދެންނެވިން''
މަކުނުދޫ ކައުންސިލުން ބުނެފައި ވެއެވެ.

މަކުނުދޫގައި ''މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން'' އެއް މިސްކިތުގައި ހުކުރު ނަމާދު ކޮށްފައިވާތީ ކުރި ސުވާލެއްގެ ޖަވާބުގައި މަކުނުދޫ ކައުންސިލްގެ ރައީސް ހުސައިން ސާމީ ވިދާޅުވީ، އެ މިސްކިތް ބަލަހައްޓަން ތިބެނީ ދެ މުވައްޒަފަކު ކަމަށެވެ.
''އެތަނުން އެކަކު ހުރީ ޗުއްޓީގައި، އަނެއް މުވައްޒަފު ކުއްލި ކަމެއް ދިމާވެގެން މަސައކަތު ނުކުމެވޭ ގޮތްނުވީ، އެހެންވެ އެ މިސްކިތް ހުކުރު ނަމާދަށް ސާފުކޮށް، ތައްޔާރު ނުކުރެވޭނެތީ އެގޮތަށް ނިންމީ''
ސާމީ ވިދާޅުވިއެވެ.
ހދ. މަކުނުދޫއަކީ އާބާދީގައި 1774 އަށްވުރެ ގިނަ މީހުން ތިބި ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!