ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް އިއްޔެ ވަނީ ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެން ގޮސްފައެވެ. ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވާ އުތުރުގެ ތިން ރަށުގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފައެވެ.
މިގޮތުން އެމްއެންޑީއެފުން ވިދާޅުވީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައި ކުރިއަށް ގެންދާ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމް، ހދ.ކުޅުދުއްފުށީގެ އިތުރުން ހއ.ދިއްދޫއާއި ހއ.އިހަވަންދޫގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އިއްޔެ ކުޅުދުއްފުށީގައި މި ޕްރޮގްރާމް ފެށިއިރު، އެ ޕްރޮގްރާމް ލުރިއަށް ގެންދިޔައީ ކުޅުދުއްފުށީ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ސިފައިންގެއާއި ސިފައިންގެ ވަޒީފާއާ ގުޅޭ ގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށް ދީފައެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް އިއްޔެ ޕްރޮގްރާމްގައި ބައިވެެރިވެ ވަޑައިގަންނަވަނީ، ފޮޓޯ:އެމްއެންޑީއެފް
މި ގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިންގޭގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާއިރު، އަދި މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ.
އިއްޔެ ކުޅުދުއްފުށީގައި ފެށިގެންދިޔަ މި ޕްރޮގްރާމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ވަނީ، ބައިވެރިވެވަޑައިގެން ޒިޔާރަތްކުރި ފަރާތްތަކަށް މަޢުލޫމާތު ދެއްވާފައެވެ.
މި ޕްރޮގްރާމުގައި ސިފައިންގޭގައި ހުރި ފުރުޞަތުތަކާއި ސިފައިންގެއާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!