މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޓާފް ސާޖަންޓް ނަސްރުﷲ އަހްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހަދިޔާކުރައްވައިފިއެވެ.

މި މެޑައްޔާއި ޖަރޒީ ރައީސްއަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

ނަސްރުﷲ އަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އޭނާގެ 60 ވަނަ މެރެތަންއަކީ، 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަރޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމަވައި އެ ނަސްރުﷲ ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަސްރުﷲ އާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ.

ނަސްރުﷲގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ރާއިސް ވަނީ ހިތްވަރުދެވާފައެވެ.

މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފުކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރައްވާ ނަސްރުﷲގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއެވެ. މި މެރެތަން އެއްވަނަ މަޤާމުގައި ނިންމަވާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަސްރުﷲއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން، މެރެތަންއާއި ލޯންގް ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަސްރުﷲ މުހިންމު ދައުރެއް އަދާކުރައްވައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދުދީދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގަތެވެ.