ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުން ގެންދަނީ ރަސްމީ ދަތުރުތަކުގެ ނަމުގައި ކެމްޕެއިން ކުރަމުން ކަމަށެވެ.
އެހެން ނަމަވެސް މާލޭގައިވެސް އަދި އަތޮޅު ތެރޭގައިވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަމަށް ނެތް ކަމަށް ވިދާޅުވެ، ހީނާ ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
މިގޮތަށް މިކަންދާނަމަ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ދެފުށްފެންނަ އިންތިހާބަކަށް ވެގެންދާނެ ކަމަށް ގަބޫލު ނުކުރެއްވޭނެ ކަމަށާއި، އަދި ހަމަހަމަކަމާއެކު ކެމްޕެއިން ކުރުުމުގެ ފުރުސަތު ނުލިބޭނަމަ، ޕީޕީއެމް-ޕީއެންސީން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން ހީނާ ވަނީ އެޗްޕީއޭއަށް ވެސް ފާޑު ވިދާޅުވެފައެވެ. މިއަދު އެޗްޕީއޭ އަކީ ސަރުކާރު ނަގަހައްޓާ، ދަމަހައްޓާ އަދި ސަރުކާރު ވެއްޓުނަނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން މިގޮތަށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިއްޔެ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރާތަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!