މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ފަސް ލައްކައަށްވުރެ އިތުރުވެއްޖެއެވެ.
ކޯވިޑް-19 ގެ ސަބަބުން 110 ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖޭގެ ފަތުރުވެރިކަން އޮތީ ހުއްޓިފައެވެ. އައަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލައި، ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް އަންނަނީ އެ ސިނާއަތާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިއަދު ރާއްޖެ އަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 5 ލައްކައަށް އެރިއިރު، 5 ލައްކަވަނަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔާފައެވެ.
ފަސް ލައްކަ ވަނަ ފަތުރުވެރިއާ އަކީ ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ކާސްޓިން މެޑެލައިން ނީޓްކާއެވެ. އޭނާ ރާއްޖެ އައީ މިއަދު ހެނދުނު އެމރޭޓްސް ގެ ފްލައިޓެއްގަ އެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 5 ލައްކަވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި 1 ލައްކަ ވަނަ ފަތުރުވެރިޔާއަށް މި ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ވެސް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
Welcoming the 500,000th tourist of 2020 to the Maldives!#WorldsLeadingDestination #Maldives #VisitMaldives #SunnySideOfLife pic.twitter.com/OBIDeLjS2m
— Visit Maldives (@visitmaldives) December 17, 2020
މިއަދެކޭ އެއްގޮތަށް އެ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަަސްމިއްޔާތެއް ބާއްވައިފައިވާއިރު، އެ ފަތުރުވެރިޔާއަކީ ސްވިޒަލެންޑަށް ނިސްބަތްވާ ޖޭސްމިން ބުރްކީ ނަމަކަށް ކިޔާ އަންހެން ފަތުރުވެރިއެކެވެ. އަދި މިއަދު ރާއްޖެ ޒިޔާރަތްކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާއަކީ ވެސް އަންހެނެކެވެ.
ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރަށްވާ ގޮތުގައި މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!