އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ ވެސްޓްބޮރޮމްވިޗް އެލްބޮއޮން އާއި ބައްދަލުކުރި މެޗު އެއްވަރުވި އިރު ވުލްވްސް އާއި ބައްދަލުކުރި މެޗުން ޗެލްސީ ބަލިވެއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ވުލްވްސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން ކުޅުނު ނަމަވެސް، ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކިރެވިއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މި ލަނޑު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް އޮލިވަރ ޖިރޫޑްއެވެ. މި ލަނޑު ޖިރޫޑް ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ ޑިފެންޑަރ ޗިލްވެލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ވުލްވްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ޑެނިއެލް ޕޮޑެންސްއެވެ.

މެޗުގެ ދެވަނަ ހާފްގައި ވުލްވްސްއަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ދަނޑުގެ އަރިމަތީގައި ބަހައްޓާފައި ހުންނަ ވީއޭއާރު ރެފްރީ މޮނީޓަރުން ފައުލްގެ ރީޕްލޭ ބެލުމަށް ފަހު ރެފްރީ ވަނީ އެ ޕެނަލްޓީއެއް ނޫންކަމަށް ކަނޑައަޅާފައެވެ.

ވުލްވްސް މި މެޗުން މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި އެ ޓީމްގެ ފޯވާޑް ޕެޑްރޯ ނެޓޯ ކާމިޔާބު ކުރި ލަނޑުންނެވެ.

މި މޮޅާއިއެކު ލީގުގައި ކުޅުނު 13 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު ވުލްވެސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެރުމަށް ޗެލްސީއަށް ފުރުޞަތު ތަނަވަސްވެފައި އޮތްނަމަވެސް މި ބައްޔާއިއެކު އެ ޓީމު ލީގުގައި ކުޅުނު 13 މެޗުން ލިބުނު 22 ޕޮއިންޓާއިއެކު އެ ޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ.

ރޭ މެންޗެސްޓާ ސިޓީއާއި ވެސްޓްބޮރޮމްވިޗް ބައްދަލު ކުރި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ދިން ބޯޅައަކުން ސިޓީއަށް ލީޑު ނަގައިދިނީ އިލްކާއި ގުންޑޮގާނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެސްޓް ބްރޮމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ސިޓީގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ލިބުނު ޕޮއިންޓަކާއެކު ސިޓީ އޮތީ ތާވަލުގެ ހަވަނައިގައި 12 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. އަދި ސިޓީއާ އެއްވަރުކުރި ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 13 މެޗުން ހަތް ޕޮއިންޓާއެކުއެވެ.

މިވަގުތު ޕްރިމިއަ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 12 މެޗުން 25 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމްއެވެ.