"ތިލަދެކުނު ވެށި ޓުއާ"ގެ ނަމުގައި ހދ. އަތޮޅުގެ ރައްޔިތުން ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުލިބޭ ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މިގޮތުން އަންނަ ހޮނިހިރު ދުވަހު މި ޓުއާގެ ފުރަތަމަ ދަތުރުކުރަން ނިންމައި، މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އަތޮޅު އަތޮޅު ކައުންސިލްގެ "މާރެސް" ލޯންޗްގައެވެ. މި ލޯންޗްގެ ޖާގައަކީ 20 އެވެ.

Ad
rt

މި ޓުއާގެ ފުރަތަމަ ދަތުރު އަންނަ ހޮނިހިރުގައި ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި، އިހަވަންދޫ އަދި ހޯރަފުއްޓެވެ. މި ޓުއާގެ ކޮންމެ ދަތުރެއްވެސް ފެށުމަށް އަދި ހަމަޖެހިފައި ވަނީ ކުޅުދުއްފުށިންނެވެ.

ހދ. އަތޮޅު ކައުންސިލުން ފެށުމަށް ނިންމާފައިވާ "ތިލަދެކުނު ވެށި ޓުއާ"އާއި ގުޅިގެން އެ ކައުންސިލްގެ ރައީސް މުޙައްމަދު ވަޞީމް "ތިލަދުން"އަށް ވިދާޅުވީ މި ޓުއާއަކީ ހދ. އަތޮޅު ރައްޔިތުންނަށް ތިލަދުންމަތީގެ ރަށްރަށް ބަލައިލައި، އެކި ބޭނުން ރަކުގައި ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ މަގު ފަހި ކޮށްދިނުމަށްޓަކައި ފަށާ ޓުއާއެއް ކަމަށެވެ.

"އަތޮޅުގެ ދަތުރުފަތުރު މިއޮންނަނީ ކުޅުދުއްފުއްޓާއި ގުޅިފައި، ފެރީ ނިޒާމްގެ ތެރެއިން ކުޅުދުއްފުއްޓަށް އެބަ އާދެވޭ ކޮންމެ ރަށަކުންވެސް، އެހެންވެ މި ޓުއާ ކުޅުދުއްފުށިން ފަށާގޮތައް މިއޮތީ، ދެން އަޅުގަނޑުމެން ތިލަދުންމަތީ މި ދިރިއުޅެނީ، އެކަމަކު އަޅުގަނޑުމެން ތެރެއިން ދޮށީ އުމުރު މީހުންނަށް ގިނައިން މިހިސާބު ރައްތަކަށް ދެވި، ފެނިފައި ހުރީ، ޒުވާން އުމުރުގެ ގިނަބަޔަކު އެބަތިބި އެރަށްރަށަށް ބަލާލުމުގެ ފުރުޞަތު ނުލިބޭ، މި ޓުއާއިން އެކަންވެސް ހާސިލްވާނެ، އަދި މި ޓުއާގެ ތެރެއިން ތާރީޚާއި ގުޅިފައިހުރި ތަންތަން ހުރި ރަށްރަށަށް ދެވޭނެ، ވިޔަފާރިކޮށްލަން ވިޔަފާރިތައް ހުރި ރަށްރަށަށްވެސް ދެވޭނެ، ރީތި ގޮނޑުދޮއްތަކާއި، ގުދުރަތީ މުއްސަނދިކަން ލިބިފައި ހުރިރަށްރަށް ބަލައިލަން ވެސް ދެވޭނެ".

ވަސީމް ވިދާޅުވިއެވެ.

ވަސީމް ވިދާޅުވީ މިހާރު ނިންމާފައި އޮތީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ޓުއާގެ ދަތުރެއް ބާއްވަން ކަމަށެވެ. އަދި މިހާރު އިތުރު ދަތުރުތައް ބާއްވާނެ ރަށްތައްވެސް ތާވަލު ކުރެވިފައިވާ ކަމަށާއި، މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރު ކަމަށްވާތީ، ތަރުހީބު ލިބޭ މިންވަރަކުން ދަތުރު އިތުރުކުރަން ޖެހިއްޖެނަމަ ދަތުރު އިތުރުކުރާނެ ކަމަށް ވަސީމް ވިދާޅުވިއެވެ.

"މި ޓުއާގެ ހުރިހާކަމެއް ބަލަހައްޓަނީ މި ކައުންސުލްގެ އިކޮނޮމިކް ޑިވެލޮޕްމެންޓް ޔުނިޓުން، އެ ޔުނިޓުން ދަތުރުތައް ރާވައި، އަގުތައް ކަނޑައަޅަން ކައުންސިލަށް ހުށަހަޅާނީ، އެކި ރޫޓުތަކަށް އަގުތައް ތަފާތުވުން އެކަށީގެންވޭ"

ވަސީމް ވިދާޅުވިއެވެ.

ހދ. އަތޮޅު ކައުންސިލް އިން ފަށާ "ތިލަދެކުނު ވެށި ޓުއާ"ގެ ފުރަތަމަ ދަތުރުގެ ޓިކެޓެއްގެ އަގަކީ 250 ރުފިޔާއެވެ. މި ދަތުރު ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 7 ޖަހާއިރު އެވެ. އަދި އިހަވަންދޫއިން، ހޯރަފުއްޓަށް ފުރަން ހަމަޖައްސާފައި ވަނީ މެންދުރު 12 ޖަހާއިރު އެވެ. އަދި މި ދަތުރު ނިންމާލުމަށްފަހު އެނބުރި ހޯރަފުށިން ކުޅުދުއްފުއްޓަށް ފުރަން ހަމަޖައްސާފައި ވަނީ އެދުވަހުގެ ހަވީރު 4:30 ގައި އެވެ.

މި ދަތުރަށް ޓިކެޓް ވިއްކުމަށް ހުޅުވާލާފައިވާއިރު 7338011 ނަމްބަރަށް ގުޅައިގެން ޓިކެޓް ގަތުމާއި އިތުރު މައުލޫމާތު ލިބޭނެކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.