ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ އެމައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައ،ި މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށާއި ގާތުގައި އޮތް މުސްލިމު ޤައުމަކުން އެހީވެވިދާނެކަމަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކޯވިޑް19 ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ބުނެފައިވުމަށް އަލިއަޅުއްވާލައްވާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މުސްލިމުންގެ ހަށިތައް އެނދިޔަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ޤައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކޭކަމަށާއު މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށެވެ.

Ad
rt

އަޅުގަނޑަށް ފެންނަ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ. އެއީ އިންސާނީ، އަދި ޢަޤީދާއާ ގުޅުންހުރި ދީނީ ޙައްޤެއް.

ޑރ ޝަހީމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، މުސްލިމުންނާއި އެހެނިހެންވެސް އިންސާނުންގެ އަސާސީ ޙައްޤުތައް ހޯދައިދޭން އެޤައުމެއްގެ ޤާބިލުކަންހުރި މިންވަރުން ކޮންމެ ޤައުމަކުން ވެސް ވަކާލާތު ކުރަންވާނެކަމަށެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި
ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ކޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަކަމަށެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށެވެ.

ޑރ ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން އެގައުމުން އެދިފައި ވަނިކޮށް ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މިކަމަށް ދެކޮޅުހައްދަވާފަ އެވެ.

ރައީސް މައުމޫން ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.

"އެކަމަކު ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް ނޫން،"

މައުމޫންގެ ޓްވީޓްގައިވެ އެވެ.

ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައި މިކަމުގައި ދީނީ ގޮތުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރައްވައިފައެއް ނުވެ އެވެ.