ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 7 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

Ad
rt

ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.

"ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ ކަމެއް، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރައްވާ. ހޯމް ކަރަންޓީން ގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްކުރުން ހުއްޓަލަމާ."

ކެލާ ކައުންސިލުން ބުނެފައި ވެއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު އެކަކު، އަދި ސެޕްޓެމްބަރ މަހު ވެސް ވަނީ އެރަށުން ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެމީހުންނމިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މީގެއިތުރުން އިންޑިއާއިން ބޭސްފަރުވާއަށް ފަހު ކެލާއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް، ފަރުވާއަށް ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ހުއްޓާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. އެމީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ކެލާއިން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ އެރަށު ސަވާރީ ބޯޓު ކޭހާއި ގުޅޭ 10 މީހެކެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.