ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަންނަވައިފިއެވެ.

އިއްޔެ ނައިބު ރައީސް ކުރެއްވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. މިގޮތުން އިއްޔެ މެންދުރު ކުރީގައި އެ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރާތްކުރައްވައި، އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ވެއެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ، ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމުގައެވެ. އަދި ޤައުމީ ތަރައްޤީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގެންނެވީ ހުޅުމީދުއަށެވެ. އަދި އެ ރަށުގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވިއެވެ. މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށެވެ.

އެއަށްފަހު ނައިބު ރައީސް ވަނީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަންނަވާ، އައްޑޫ ފްލައިންގ ސްކޫލްގެ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވާ، އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީއިން ނައިބު ރައީސް ފައިޞަލް ދެން ވަޑައިގެންނެވީ އެމަނިކުފާނު އުފަން ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގަންނަވާ މަގު ހެދުމުގެ މަޝްރޫޢާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ހިންގާ ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ މަސައްކަތްތައް ބައްލަވައިލައްވާ، އެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިންނެވެ.

އެއަށްފަހު ނައިބު ރައީސް ފައިޞަލް ވަނީ، ފުވައްމުލައް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވާ، އެ ތަނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ.

ނައިބު ރައީސް ފައިޞަލް ދެކުނުގެ ދެ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.