މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިޞަލް ވަނީ ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށެވެ.

މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ގޮތުން، މިއަދު ފަށްޓަވައިދެއްވި މަޝްރޫޢުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަންފާހަގަ ކުރަށްވާ އެމަނިކުފާނު ވިދާޅުވީ، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ދެއްކެވި ވާހަކާގައި ވަނީ، ޤައުމީ ތަރައްޤީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

ނައިބު ރައީސް ދެކުނަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާވެސް ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމަށް ވިދާޅުވެފައެވެ.