ރާއްޖެއާއި، ޗައިނާއާ ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފިކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ބުނެފިއެވެ.

ވަރޗުއަލްކޮށް، މިއަދު މެންދުރު ބޭއްވި މި މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ، އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި ކޯވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި ގުޅޭ ގޮތުން ކަމަށެވެ.

Ad
rt

މީގެ އިތުރުން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާ އަދި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އަލުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފެއްޓުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވޫ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް އެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ވަނީ ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައިކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އަދި ކޯވިޑް-19 ގެ ޙާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިރާއްޖެއިން ޝުކުރުއަދާކުރާކަމަށް ވިދާޅުވި ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އަވަސް މުސްތަޤްބަލެއްގައި ދެޤައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޖާވިދު ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީއިން ބުނީ، ދިވެހިރާއްޖެއާއި ޗައިނާއަކީ ވަރަށް ގާތް ދެޤައުމުކަމަށާއި، އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޗައިނާއަށް ދިވެހިރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހިރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއްކަމަށް ޗެންގް ސޮންގް ވިދާޅުވި ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިއަދުގެ މަޝްވަރާތަކުގައި ދެ ޤައުމުންވެސް ވަނީ ދެޤައުމުގެ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައި ކަމަށެވެ.