މާލޭގައި ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ފަރީދީ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނާއި ބެހޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފަރީދީ މަގުގެ ވަކި ސަރަޙައްދެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކާރެއްގެ ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ.

Ad
rt

މިމައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަދިވެސް ފުލުހުންގެ އޮޕަރޭޝަން ކުރިއަށްދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން އެއްގަމާއި ކަނޑުގައި ފެށި އޮޕަރޭޝަނެއް ކަމަށާއި އަދި މިއޮޕަރޭޝަނާއި ގުޅިންހުރި އިތުރު މަޢުލޫމާތު އޮޕަރޭޝަނާއި ގުޅުންހުރި ތަޙުގީގީ މަސައްކަތްތައް ނިމުމުން ހާމަކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ފަރީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިން ކަމަަށެވެ. މީގެ ދެ ގަޑިއެއްހާއިރު ކުރިން ފެށިގެން އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ދަނީ އެ ކާރު ފާސްކުރަމުންނެވެ. މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ކާރުގެ ޑިކީގައި ދެ ގޯނީގައި އެއްޗެހިތަކެއް ހުރި ތަން ފެނެއެވެ.