ރީޖަނަލް އެއާޕޯޓުތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުނުގެ ޕްރޮގްރާމްގެ ފަހުބައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ފަށައިފިއެވެ.

މިއީ އިންޑިއާގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ފަޔަރފައިޓަރުންނަކީ ކުރިން އިންޑިއާގައި މި ޕްރޮގްރާމްފެށި ފަޔަރފައިޓަރުންނެވެ.

Ad
rt

ރީޖަނަލް އެއަރޕޯރޓްތަކަށް ބޭނުންވާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް އިންޑިއާގައި ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅުއެވެ.

ރާއްޖޭގެ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެއަރ ޕޯރޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ފަޔަރ ފައިޓަރސް ޓްރެއިނިންގ އެކަޑަމީގައެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ 6 ޖެނުއަރީ 2020 އިން 30 އޭޕްރިލް 2020ގެ ނިޔަލަށް ކަމަށް އޭރު ސަރުކާރުން ހާމަކުރެއްވި ނަމަވެސް، މި ޕްރޮގްރާމް މެދު ކަނޑާލައި ކޯހުގެ ބައިވެރިން ރާއްޖެ ގެނައީ ކޯވިޑްގެ ސަބަބުން މިއަރުގެ އޭޕްރިލް މަސް ތެރޭގައެވެ.

އިއްޔެ ހަނިމާދޫގައި މި ޕްރޮގްރާމްގެ ފަހުބައި ފަށާފައިވާއިރު، އެ ޕްރޮގްރާމް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ އިންޑިއާއިން އެ ޕްރޮގްރާމް ހިންގުމަށް ހަނިމާދޫއަށް ގޮސްފައިވާ 2 އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

އިއްޔެ ފެށި މި ޕްރޮގްރާމްގެ ފަހުބައިގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ތަމްރީނުކުރާ 5 ފަޔަރ ފައިޓަރުންވެސް ބައިވެރިވެއެވެ. މި ފަސް ބައިވެރިންނަކީ ކުރިން އިންޑިއާގައި ކުރިއަށް ދިޔަ ޕްރޮގްރާމް ގައިވެސް ބައިވެރިވި ފަސް ބައިވެރިންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓާއި، ފޮނަދޫ އެއާޕޯޓާއި އަދި ގދ. ގެ އެއާޕޯޓްތައް ހިމެނޭހެން ޖުމްލަ 17 ބައިވެރިއަކު މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދަނީ ބައިވެރި ވަމުންނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރާއަޖޭގެ ފަޔަރ ފައިޓަރުން ފުރިހަމަ ކުރާނީ ފަޔަރ ފައިޓަރސްގެ ބޭސިކް ޓްރެއިނިންގ ކޯހެވެ.