އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ފަރާތުން ކުރިއަށްގެންދާ "އިޤްރައު ފޮތް މަޢުރަޒު 2020" ގައި ފޮތް ޚުލާސާ ކުރުމާއި ފޮތުގެ ރިވިޔު ލިއުމުގެ މުބާރާތެއް ފަށައިފިއެވެ.

އައިޔޫއެމްގެ ފަރާތުން މަޢުލޫމާތު ދެމުން ވިދާޅުވީ ފޮތް ޚުލާސާ ކުރުމުގެ މުބާރާތަކީ ލިޔުންތެރިންގެ ލިޔުންތައް ކިޔުމަށްފަހު، އޭގައި ހިމެނޭ މަޢުލޫމާތުތަކުގެ އަސްލު ނުގެއްލޭނެ ގޮތަށް، އެލިޔުމެއްގެ މައިގަނޑު ހުރިހާ ޕޮއިންޓުތައް ހިމަނައިގެން ސާފު ޢިބާރާތުން ލިޔުމެއް ޚުލާސާ ކޮށް ހުށަހެޅުންކަމަށެވެ.

Ad
rt

މި މުބާރާތުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ވެސް ޚުލާސާ ކުރެވޭނެކަމަށާއި ފޮތުގެ ޚުލާސާ ހުށަހަޅާނީ އެފޮތެއް ލިޔެފައިވާ ބަހަކުންކަމަށް އައިޔޫއެމްގެ ފަރާތުން މަޢުލޫމާތުދެއެވެ.

މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތް ހާމަކުރަމުން އައިޔޫއެމްއިން ބުނެފައިވަނީ، މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 15 ޑިސެމްބަރު 2020 ގެ ނިޔަލަށްކަމަށެވެ. އަދި ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 1 ފޮތުގެ ޚުލާސާއެއްކަމަށާއި އިޤްރައު ޚުލާސާ މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުންކަމަށެވެ. މުބާރާތުގައި ޚުލާސާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ޖެނުއަރީ 2021 އެވެ.

މި މުބާރާތުގައި އިނާމު ދިނުމަށް ކަޑައެޅިފައިވަނީ 1 ވަނަ 2 ވަނަ އަދި 3 ވަނައަށެވެ. ވަނަތައް ހޮވޭނީ، އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށް އިސްކަން ދޭ ތަރުތީބުންކަމަށް އެފަރާތުން މަޢުލޫމާތުދެ އެވެ.

މުބާރަތުން 1 ވަނައަށް ހޮވޭ ފަރާތަކަށް -/900 ރުފިޔާ (ނުވަސަތޭކަ ރުފިޔާ) އަދި ދެވަނައަށް އަންނަ ފަރާތަކަށް -/700 ރުފިޔާ (ހަތްސަތޭކަ ރުފިޔާ) އަދި 3 ވަނަ އަށް އަންނަ ފަރާތަކަށް -/400 ރުފިޔާ (ހަތަރުސަތޭކަ ރުފިޔާ)ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ. މުބާރާތުގެ ނަތީޖާ އިޢުލާން ކުރެވޭނެ ތާރީޚެއް 2021 ފެބްރުއަރީ މަހު ޢާއްމު ކުރެވޭނެއެވެ.

މުބާރާތުގައި ޚުލާސާ ކުރަންހަމަޖެހިފައިވާ ފޮތްތަކުގެ ލިސްޓެއް ބުކްފެއަރގެ ވެބްސައިޓްގައި ހިމެނިފައިވާނެއެވެ.

މީގެ އިތުރުން "އިޤްރައު ފޮތް މަޢުރަޒު 2020" ގައި ކުރިއަށް ގެންދާ ދެވަނަ މުބާރާތަކީ ބުކްރިވިޔު މުބާރާތެވެ.

މި މުބާރާތުގެ މަޤްޞަދަކީ ލިޔުންތެރިންގެ ލިޔުންތައް ރިވިޔު ކުރުމަށްފަހު، އޭގައިހިމެނޭ އޮށްޓަރަށާއި، އޭގެ ވައްޓަފާޅި، އަދި މޮޅު/ދެރަ މިންކުރުމަށްފަހު، ލިޔުންތެރިންގެ މަސައްކަތަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުންކަމުގައި އައިޔޫއެމްއިން މަޢުލޫމާތު ދެއެވެ.

މި މުބާރާތުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ރިވިޔު ކުރެވޭނެއެވެ. ފޮތުގެ ރިވިޔު ހުށަހަޅާނީ އެފޮތެއް ލިޔެފައިވާ ބަހަކުންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 15 ޑިސެމްބަރު 2020 ގެ ނިޔަލަށެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 1 ފޮތުގެ ރިވިއުއެވެ. މުބާރާތުގައި ރިވިއުކުރަން ހަމަޖެހިފައިވާ ފޮތްތަކުގެ ލިސްޓެއް ބުކްފެއަރގެ ވެބްސައިޓްގައި ހިމެނިފައިވާނެކަމަށް އެފަރާތުން ބުނެފައިވެއެވެ.

އިޤްރައު ބުކްރިވިއު މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުންނެވެ. މުބާރާތުގައި ބުކްރިވިއު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ10 ޖެނުއަރީ 2021 އެވެ.

ވަނަތައް ހޮވޭނީ، އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށް އިސްކަން ދޭ ތަރުތީބުންކަމަށާއި، މުބާރާތުގައި އިނާމު ދިނުމަށް ކަޑައެޅިފައިވަނީ 1 ވަނައަށް 1500/- ރުފިޔާ، 2 ވަނައަށް 1000/- ރުފިޔާ އަދި 3ވަނަ 500/- ރުފިޔާ އެވެ.

މި މުބާރާތުގެ ނަތީޖާ އިޢުލާން ކުރެވޭނެ ތާރީޚެއް 2021 ފެބްރުއަރީ މަހު އިޢުލާން ކުރެވޭނެކަމަށް އައިޔޫއެމްއިން ބުނެފައިވެއެވެ.

https://iqra.com.mv/competition/