މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ އެއްމަހު މުސާރައިގެ 10 އިންސައްތަ ހަދިޔާ ކުރައްވައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރާޢީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ''އަޅުގަނޑު ގެ މުސާރައިގެ %10 ލޯބިވާ ތުއްތު ސާރާ އަށް ހަދިޔާ ކުރަމެވެ. އަދި ހެޔޮ ދުޢާ އާއި އެކު، އަވަސް ޝިފާ އަށް އެދި ދުއާކުރަމެވެ.'' ރާޢީ ވިދާޅުވެފައެވެ.
ސާރާއަށް އެހީތެރި ވުމަށް މަކުނުދޫގައި އަންނަނީ ފުޅާ ކެމްޕެއިނެއް ހިންގަމުންނެވެ. އަދި މާލޭގައި ވެސް ދަނީ ސާރާއަށް އެހީތެރިވުމަށް ހެޔޮ އެދޭ ފަރާތްތަކުން ހަރަކާތްތައް ހިންގަމުންނެވެ.
ސާރާ އެހީތެރިވުމަށް މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިއަދުގެ ނިޔަަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެ ކެމްޕެއިނަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.
މިހަރަކާތް އިންތިޒާމް ކުރަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން އިއްޔެ ހާމަކުރެއްވި ގޮތުގައި، އިއްޔެ މެންދުރާއި ހަމައަށް މި ހަރަކާތަށް ޖުމްލަ 115،112.45 ދިވެހި ރުފިޔާއާއި، 100 ޔޫއެސް ޑޮލަރާއި އަދި 4175 އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ. އެ ޖަމްޢިއްޔާއިން މި ކެމްޕެއިން ފެށީ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެވެ.
ސާރާ އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނަމަވެސް އެކަން ފުރަތަމަ އެނގިގެން ގޮސްފައިވަނީ ސާރާގެ އުމުރުން އެއްމަހުގައި ސާރާގެ ދެފައިގެ ހަރަކާތް ހުއްޓުމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ.
މިކަމާއި ގުޅިގެން ސާރާގެ މައިބަދާގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ މިހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިހާރު ސާރާގެ އުމުރުން އަހަރެއް ފާއިތުވެފައިވާއިރު މިހާތަނަށް ސާރާގެ ބޮޑު ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
ނަމަވެސް މިއަދާ ހިސާބައް ވެސް ސާރާގެ މައިބަދައިގައި އުފެދިފައިވާ ޓިއުމަރު އެއްކޮށް ނައްތާލެވި އާންމު ހާލަތަކަށް ސާރާ އައިސްފައިނުވެއެވެ. އިތުރަށް މިކަމަށް ވަނީ ފަރުވާ ކުރަން ޖެހިފައެވެ. އިންޑިޔާގައި މެދުކެނޑުމެއްނެތި އަށްމަސް ދުވަހަށްވުރެ ގިނަ ދުވަހު ތިބެން ޖެހުމުގެ ސަބަބުން ސާރާއަށް ފަރުވާ ކުރުމުގައި އެ އާއިލާއަށް ވަނީ މާލީގޮތުން ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ.
މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެންމެހާ ފަރާތްތަކުން ބައިވެރިވެ ވެދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަށް މަކުނުދޫ ޔޫތު މޫވްމެންޓް ޖަމްޢިއްޔާއިން އެދިލައްވައެވެ.
ފައިސާ ޓްރާންސްފާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން:
- އެކައުންޓް ނަމްބަރ: 7701176522001
- ނަން: Thaha Zubair
- ވައިބާ ނަމްބަރު: 9830087
ތުއްތު ސާރާއަށް އެހީވުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ އެއްމަހު މުސާރައިގެ 10 އިންސައްތަ ހަދިޔާ ކުރެއްވި އިރު ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ މުސާރައަކީ 42،500 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!