ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 3 މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް ހައްދުއްމައްޗަށް ކުރަށްވަމުން ގެންދަވާ ދަތުރު ފުޅުގައި، ލ. ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.
ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާއިރު، ދިވެހިރާއްޖެއަށް އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުންވަނީ ކުރިންވެސް އިއުލާނުކޮށްފައެވެ.
އެގޮތުން، ރާއްޖެއިން ހޯދުމަށް މަސައްކަތް ކުރަމުންދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި މޮޑާނާގެ ވެކްސިން ކަމަށް ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސާހު މާހިރު ރޭ ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!