ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، ވެކްސިންއެއްގެ އިންތިޒާރުގައި މުޅި ދުނިޔެ މަޑުޖެހިފައި އޮތް އިރު، އިނގިރޭސިވިލާތުން މި ރޭހުގެ ކުރި ހޯދައި އަންނަ ހަފްތާގާއި ޢާންމުނަށް ވެކްސިން ދިނުމަށް ނިންމައިފިއެވެ.

މި ނިންމުމާއި އެކު، އިނގިރޭސިވިލާތް ވެގެން ގޮސްފައި މިވަނީ މި ބަލިމަޑުކަމަށް ވެކްސިންއަަކަށް ހުއްދަދިން ފުރަތަމަ ޤައުމަށެވެ. އިނގިރޭސިވިލާތުގެ މެޑިސިން ރެގިޔުލޭޓަރ އެމް.އެޗް.އާރް.އޭ އިން ބުނާ ގޮތުގައި މި ވެކްސިންއާއި އެކު ކޯވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް 95% ގެ ގެރެންޓީއެއް ލިބޭނެއެވެ.

Ad
rt

ފައިޒަރ ކުންފުނީގެ މި ވެކްސިންއަށް އިނގިރޭސިވިލާތުން ހުއްދަ ދީފައިވާއިރު، އެ ކުންފުނިން ބުނި ގޮތުގައި، ފުރަތަމަ 8 ލައްކައެއްހައި ޑޯސް މިހާރުވަނީ އިނގިރޭސިވިލާތަށް ފޮނުވުމުގެ މަގުމަތީގައެވެ. އަދި ފުރަތަމަ ޑޯސްއާއި ބެހޭގޮތުން އެ ޤައުމުގެ ހެލްތް ސެކްޓްރީ މެޓް ހެންކޮކް ވިދާޅުވިގޮތުގައި، މި ވެކްސިން ޖެހުމުގެ ކަންކަމުގައި އެ ޤައުމުގެ ރައްޔިތުންނާއި މަޢުލޫމާތު ހިއްސާ ކުރަމުން ގެންދާނެކަމަށެވެ.

ބީބީސީއިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިވަގުތު ވެކްސިން ޖެހުމަށް ލިސްޓުކުރެވިފައިވަނީ އުމުރުން ދުވަސްވެފައިވާ މީހުންނާއި ޚާއްސަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކާއި، ސިއްޙީ އިދާރާތަކުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށެވެ.

މި ވެކްސިންގެ ފިނި ހޫނުމިން -70 ޑިގްރީގައި ބަހައްޓަން ޖެހޭއިރު، އެ ޤައުމުގެ ހެލްތު އޮތޯރިޓީއިން މަޢުލޫމާތު ދޭ ގޮތުގައި، މިވަގުތު ވެކްސިން ދޭނީ ހޮސްޕިޓަލުތަކުގައި ކަމަށެވެ. ސަބަބަކީ މި ވެކްސިން ހަލާކު ނުވެ އިސްރާފުނުކޮށް ބެހެއްޓޭނެ ތަނަކީ ހޮސްޕިޓަލްތައް ކަމުގައިވުމެވެ.

ފައިޒާ އަދި ބަޔޯއެންޓެކްގެ މި ވެކްސިންގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށް 10 މަސް ދުވަސް ހޭދަވެފައިވާއިރު، މިއީ ޢާންމުކޮށް 10 އަހަރު ނަގާ މަރުހަލާތަކެއް ކަމަށް ބައެއް ސައިންޓިސްޓުންވަނީ ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 40 މިލިއަން ޑޯސޭޖްއަށް އޯޑަރު ދީފައިވާއިރު، މިއީ 20 މިލިޔަން މީހުންނަށް ވެކްސިންދެވޭނެ މިންވަރެވެ. ފުރަތަމަ ޑޯސޭޖް އަންނަ ހަފްތާގައި ބެލްޖިޔަމްއިން އަންނަ އިރު، އިތުރު ޝިޕްމެންޓްތައް ޑިސެންބަރު މަހުގެ ތެރޭގައި ލިބޭ ވަރު ވާނެ ކަމަށް މެޓް ހެންކޮކް ވަނީ ވިދާޅުވެފައެވެ.