ބަޖެޓަށް ފައިސާ ހޯދާގޮތެއް، މަކުނުދޫ ދާއިރާގެ ތިން ރަށް ކަމަށްވާ މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫގެ ރައްޔިތުން މިހާރު ބަލަން ބޭނުން ނުވާ ކަމަށާއި، އެރައްޔިތުން ބޭނުން ވަނީ ބާޑީފަށުން އަރައިގަންނަން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި އަންނަ އަހަރަށް ފާސްކުރި ބަޖެޓާއި ގުޅޭގޮތުން ރާޢީ ދެއްކެވި ވާހަކާގައި ވިދާޅުވީ ''ދެން ދިރުމެއް އޮތް ތަނެއްގައި ވެއްޖެއްޔާ އުއްމީދެއް އޮންނާނެ.'' ކަމަށެވެ.
''ހަމަ އެގޮތަށް އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ދެން މިހާރު ބަލާކަށް ބޭނުމެއް ނުވޭ ބަޖެޓަށް ކިހިނެއްތޯ ފައިސާ ހޯދާނީ، ކޮންގޮތަކަށްތޯ ހޯދާނީ، ލިބޭނީ ކިހިނެއްތޯ. އެ ވާހަކަތައް ދައްކާކަށް މިހާރު އަޅުގަނޑުގެ ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުމެއް ނުވޭ. އަޅުގަނޑުމެންގެ ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވަނީ، މިހާރު ބާޑީފަށުން އަރައިގަންނަން.''
ރާޢީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ކަމަކަށް މަކުނުދޫއަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދުފުޅު ފާހަގަކުރާ ކަމަށާއި، އެ ވަޢުދު ކޯލިޝަންގެ މިނިސްޓަރު ނުފެއްދެވި ކަމަށެވެ.
''ދެން މިހާރު އަޅުގަނޑުމެންގެ މިނިސްޓަރެއް ހުރީ. އެއީ، އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ބެހެއްޓުން. ދެން އަޅުގަނޑު ވަރަށް އާދޭހާ އެއްކޮށް މިނިސްޓަރު ނަސީމް ކައިރީގައި އެދިލަން، މިކަމަށް އަވަސް ފަރުވާއެއް ހޯދައިދިނުން. ދެން އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވަނީ، ކުޅިވަރު ދާއިރާ. އަޅުގަނޑުގެ ދާއިރާގައި ނޭކުރެންދޫގައި ތިބީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ތަރިން އުފެދިފަ. އެހެންވީމާ، ޔޫތު މިނިސްޓަރު އެންމެ އަވަހަށް ނޭކުރެންދޫގެ ދަނޑުގައި، ފުޓްބޯޅަ ދަނޑުގައި ސޮއިކޮށްދެއްވަންވީ. އެއީ މިދިޔަ ބަޖެޓުގައި ޖަހާފައި ނުކުރެވިފައި އޮތް ކަމެއް. ދެން ވެސް އަޅުގަނޑު ބަލާކަށް ބޭނުމެއް ނުވޭ، ބަޖެޓަށް ފައިސާ ހޯދާނީ ކިހިނެއް ކަމެއް.''
ރާޢީ ވިދާޅުވިއެވެ.
ކުމުންދޫ ނަރުދަމާގެ މަޝްރޫގައި ސޮއިކުރެވިފައިއޮތްކަން ފާހަގަ ކުރަށްވައި އޭނާ ވިދާޅުވީ، އޭނާއާއި އެ ރަށުގެ ރައްޔިތުންގެ ނަމުގައި އެކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރަށްވާ ކަމަށެވެ.
''މަޖިލީހުގެ ރައީސް އެ ރަށުގައި މިދިޔަ އަހަރު ހުންނަވާފައި ވިދާޅުވެފައިވަނީ، ކުމުންދޫގެ ރައްޔިތުންނަށް ތިމަން އިސްވެ ހުރެ އެ ކަންތައްތައް މި އަހަރުގެ ތެރޭގައި ކޮށްދޭނެ ކަމަށް. އަޅުގަނޑުގެ އުއްމީދަކީ ފެށޭ މަހު ޢަމަލީ މަސައްކަތްތައް ފެށިގެންދިއުން. އަޅުގަނޑަކަށް ނޭނގެ ފައިސާ ހޯދާނެ ގޮތެއް. މަސައްކަތް ފަށައިދެއްވާ! ޝުކުރިއްޔާ. ދެން އަޅުގަނޑު އެދޭ ކަމަކީ އިނގޭތޯ، އަޅުގަނޑުމެންގެ ދާއިރާގެ މަކުނުދޫއަކީ ކުޅިވަރު ވަރަށް ޖޯޝާއި ފޯރީގައި ކުޅޭ ރަށެއް. އެހެންވީމާ، މަކުނުދޫގެ އަންހެން ބޭފުޅުންގެ މާ ޚާއްޞަ ކުޅިވަރެއް ހޭންޑްބޯލް. އެހެންވީމާ، ހޭންޑްބޯލް ދަނޑެއްގައި ވީހާވެސް އަވަހަކަށް ސޮއިކޮށްދެއްވުން އިނގޭތޯ. އަޅުގަނޑު އެ ކަންތައް މި އެދެނީ މިނިސްޓަރ މަޚްލޫފުގެ އަރިހުން. ދެން އަޅުގަނޑު އެދެން ބޭނުންވާ ކަމަކީ، ނޭކުރެންދޫގައި ގާއިމުކުރާ ކަރެކްޝަނަލް ސެންޓަރ، މީހުން ބިނާކުރާނެ ޖަލު. މީހުން ބިނާކުރާނެ، އެއީ ޖަލެއް ނޫން. އަޅުގަނޑު ބަޖެޓު ފޮތުން މިހާރު އޮންނާނީ ކަނޑާލަން ޖަލުގެ ވާހަކަ ކަނޑައިލާފައި މީހުން ބިނާކުރާ ކަރެކްޝަނަލް ސެންޓަރ. އަޅުގަނޑަށް ހޯމް މިނިސްޓަރު ޢިމްރާން ޔަގީންކަން ދެއްވާފައި އޮތީ އެ ތަނުގެ ތަނބުތައް މާރިޗް މަސް ތެރޭގައި، 2021ގެ މާރިޗް މަސް ތެރޭގައި ފެންނާނެ ކަމަށް. އަޅުގަނޑު ޝައިޚް ޢިމްރާނަށް ވަރަށް އިތުބާރުކުރަން. ބަހުގެ ވަރަށް އިތުބާރު ހުރި ބޭފުޅެއް އެއީ. އެހެންވީމާ، ނޭކުރެންދޫ ރައްޔިތުންނަށް އަދި ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ޔަގީންނުން ވެސް ތަނބުތައް މާރިޗް މަސް ތެރޭގައި ފެނިގެންދާނެ. އެވަރު ޔަގީންކަން އަޅުގަނޑަށް އެބައޮތް.''
ރާޢީ ވިދާޅުވިއެވެ.
ރާޢީ ވަނީ އެކަންކަން ހާސިލު ކުރުމަށް ޚާއްޞަކޮށް ނޭކުރެންދޫގައި ގާއިމުކުރާ ''މީހުން ބިނާކުރާ ކަރެކްޝަނަލް ސެންޓަރ''ގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ފުރިހަމަ ކުރުމަށް ބޮޑުތިލަންދުންމަތީގެ ހުރިހާ މެންބަރުން ވެސް ތާއީދުކޮށްދިނުމަށް އެދި ވަޑައިގެންފައެވެ.
ރާޢީ ތަމްސީލު ކުރަށްވާ ދާއިރާގެ މަކުނުދޫއާއި ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ އެއީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި، އެރަށުގެ ރައްޔިތުންގެ އުއްމީދަކީ، އެރަށަށް ވައިގެ މަގުން ދަތުރު ކުރެވޭގޮތް ހަމަޖެހުން ކަމަށެވެ.
''ދެން އަޅުގަނޑަކަށް ނޭނގެ ސަރުކާރުން އަޅާނީ ސީޕްލޭން ޕްލެޓްފޯމެއް ކަމެއް، އެއަރޕޯޓެއް ކަމެއް، އެހެންވީމާ، އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑަށް ޔަގީން، މި ސަރުކާރުން 2023ގެ ކުރިން އެކަން ކުރާނެކަން ވެސް. އެ ޔަގީންކަން ވެސް އަޅުގަނޑަށް އެބައޮތް.''
ރާޢީ ވިދާޅުވިއެވެ.
ރާޢީ ގެންދަވަނީ އޭނާގެ ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ޙައްޤުގައި، އެ ދާއިރާއަށް ބޭނުންވާ ކަންކަން ކޮށްދެވުމަށް އެދި ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!