ތިލަދުންމަތީގެ ބައެއް ރަށްރަށް ބަލާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް، “ތިލަދެކުނު ވެށިޓުއަރ” ގެ ނަމުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
އެކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު އެކައުންސިލްގައި ބޭއްވި 162 ވަނަ ޢާންމު ބައްދަލު ވުމުގައި،މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 4 މެމްބަރުންގެ އިއްތިފާގުންނެވެ.
އެކައުންސިލުން ބުނީ، ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު، ހއ، ހދ ގެ ވަކި ރަށަކަށް ނުވަތަ ދެރަކަށް، އަތޮޅު ކައުންސިލްގެ މާރެސް ލޯންޗު ދަތުރު ކުރުމަށްހަމަޖެހިފައިވާކަމަށެވެ.
މިދަތުރު ތަކުގެ ޝެޑިއުލް ކޮންމެ މަހަކުވެސް އަތޮޅު ކައުންސިލުން ޢާންމު ކުރާނެކަމަށާއި އަދި ދަތުރުތަކުގެ ޓިކެޓް އަގުތަކާއި ޓިކެޓް ބައްލަވައި ގަންނާނެގޮތް ވަރަށް އަވަހަށް އަތޮޅު ކައުންސިލުން އާންމު ކުރާނެކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
ދަތުރުތައް ކުރުމަށް މިހާރު ހަމަޖެހިފައިވާ ރަށްރަށަކީ، ހދ. މަކުނުދޫ، ހދ. ހަނިމާދޫ، ހއ. ބާރަށް، ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހއ. ކެލާ، ހއ. ވަށަފަރު، އަދި ހއ. ދިއްދޫއެވެ.
“ވެށިޓުއަރ” ގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވާ ހޮނިހިރު ދުވަހު، ހޯރަފުށި އަދި އިހަވަންދޫއަށެވެ.
“ވެށިޓުއަރ” ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް
ކުޅުދުއްފުށި – މަކުނުދޫ – ކުޅުދުއްފުށި
ކުޅުދުއްފުށި – އިހަވަންދޫ – ހޯރަފުށި – ކުޅުދުއްފުށި
ކުޅުދުއްފުށި – އުތީމު – ދިއްދޫ – ކުޅުދުއްފުށި
ކުޅުދުއްފުށި – ވަށަފަރު – ކެލާ – ކުޅުދުއްފުށި
ކުޅުދުއްފުށި – ހަނިމާދޫ – ބާރަށް – ކުޅުދުއްފުށި
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!