ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، މާލެއިން އަތޮޅުތެރެއަށާއި، ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ މީހުންނާއި، އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނުވުމުގެ މުއްދަތު 10 ދުވަސް ކަމަށް ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިިހާ ރަށަކާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ޢިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް 2020 ޑިސެންބަރު 04 ވަނަ ދުވަހުން ފެށިގެން ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އެޗްޕީއޭއިން ގެންނަން ނިންމާފައިވާ ބަދަލުތަކަކީ:

  • ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 ދުވަސްކަމުގައި ކަނޑައެޅުން. އަދި މި މުއްދަތަށްފަހު ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކުރުން.
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި
    ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
  • ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއެކު ދަތުރުކުރުން. މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންނެވެ.

މި އުސޫލުގެ ދަށުން ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަޖައްސާނީ 2020 ޑިސެންބަރު 04 ވަނަ ދުވަހުން ފެށިގެން
ދަތުރުކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި މި ތާރީޚްގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުކުރެވިފައިވާ މީހުން ކުރިން ކަނޑައެޅިފައިވާގޮތަށް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީ.ސީ.އާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކުގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި އުސޫލުގެ ދަށުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހަމަޖައްސާފައިވަނީ ހަމައެކަނި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމާއި ގުޅިގެން ކަރަންޓީނުވުމަށް ކަމަށެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނުވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސްކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އެޗް.ޕީ.އޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ޢަމަލުކުރުމަށާއި ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ
އިދާރާތަކުން މި ފިޔަވަޅުތަކަށް ޢަމަލުކުރަމުންދާކަން ބެއްލެވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.