ރަނގަޅު ޕްލޭނެއް ނެތި މަސައްކަތްތައް ހިންގުމުން ބޮޑެތި އިންވެސްޓްމަންޓްތައް ފެއިލްވާން މެދުވެރިވާނެ ކަމަށާއި، ހދ. ހަނިމާދޫގައި މީގެ އަހަރުތަކެއް ކުރިން ހިންގި ފަހާ ފެކްޓަރީތައް ފެއިލްވެ އެ މަސައްކަތް ހުއްޓުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރެވިގެން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އިބްރޭ ވިދާޅުވީ އިޤުތިޞާދީ ބޮޑެތި މަސައްކަތްތަކާއި، ސިނާއީ މަސައްކަތްތައް ރޭވިފައި ހުރި ގޮތް އެކަށައަޅާފައި އޮންނަ ޗާޓެއް އެކުލެވިފައި އޮންނަން ޖެހޭ ކަމަށެވެ.

Ad
rt

ހަމައެހެންމެ ސަރަޙައްދީ ޕްލޭނާއި އަދި މުޅި ގައުމުގެ ނޭޝަނަލް ޕްލޭނެއް އޮންނަން ވަރަށް މުހިންމު ކަމަށް އިބްރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވިޔަފާރިތަކާއި އެހެނިހެން ކަންތައްތައް އޭރުން ކުރެވެމުންދާނީ އެ ޕްލޭންތަކަށް އަމާޒު ކުރެވިގެން ކަމަށެވެ.

''މިސާލަކަށް ރިސޯޓެއް އަޅާ މީހަކު ރިސޯޓެއް އަޅާނީ ވަރަށް ގިނަ އުއްމީދުތަކަކާ އެއްކޮށް. އެހެންނަމަވެސް، އެ އުއްމީދުތައް ހާސިލުނުވާ ކަމަށް ވަންޏާ އެ ދާނީ ނާއުއްމީދަކަށް ވެގެން. މިސާލަކަށް ހދ. ހަނިމާދޫގައި ފެކްޓްރީތަކެއް ބަޔަކު އެޅި. އެހެންނަމަވެސް، އެތާ އޮތް އެއަރޕޯޓް ބޮޑުކުރަންޖެހޭ މިންވަރަށް ބޮޑުނުކުރުމުގެ ސަބަބުން، އެ ފެކްޓްރީތައް ދިޔައީ ފެއިލްވެގެން. އެހެންވީމާ، ސަރަޙައްދީ ޕްލޭނާއި، މުޅި ގައުމުގެ ނޭޝަނަލް ޕްލޭނެއް އޮންނަން ވަރަށް މުހިންމު. އެ ދާއިރާތަކަށް އެބަ އެނގެންޖެހޭ އެ ދާއިރާތަކުގެ ރައްޔިތުންނަށް ކޮންކަމެއްތޯ، ކޮންއިރަކުތޯ ކިހިނެއްތޯ އެ ކަންތައް ކުރާނީ''

އިބްރޭ ވިދާޅުވިއެވެ.

ބަހުސްގައި އިބްރޭ މިސާލެއް ގޮތުން ފާހަގަ ކުރެއްވި ހަނިމާދޫ ގާއިމުވެ ހިންގަމުން ދިޔަ ފަހާ ފެކްޓަރީތަކުގެ ސަބަބުން އޭރު އެ ސަރަޙައްދުގައި އެތައް ވަޒީފާގެ ފުރުޞަތެއް ހުޅުވި، އިޤްތިޞާދީ ގިނަ ހަރަކާތްތަކެއް ހިނގިއެވެ. މީގެ 18 ވަރަކަށް އަހަރު ކުރިން އެ ފެކްޓަރީތައް ހުއްޓި، ބަންދު ކުރިއިރު އެއީ މުޅި ސަރަހައްދަށް ނަފާކުރި އިންވެސްޓް މަންޓެކެވެ.

އެ މައުލޫއަށް ކުރިއަށް ގެންދެވި ބަހުސްގައި އިބްރޭ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އުތުރަށް ވަރަށް މުހިންމު ކަންތައްތައް ހިމެނިފައިވާ ކަމަށެވެ. އެގޮތުން އުތުރުގައި ގާއިމުކުރާ ހައިސްޕީޑް ފެރީ ނިޒާމަކީ އުތުރުގެ މީހުންނަށާއި، ސަރަޙައްދުގެ އިޤުތިޞާދަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެ މަސައްކަތަކީ މިހިނގާ އަހަރު 2020 ވަނަ އަހަރު ވެސް، ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއް ކަމަށާއި، އެ މަޝްރޫޢު ނުފަށާ ފަސްކޮށްފައި ވަނީ ދުނިޔެއާއި، ރާއްޖެއަށް ވެސް ދިމާވި ހާލަތުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް މުހިންމު ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ ސަރަޙައްދަށް ތަރައްޤީ ގެންނާނެ ވަރަށް ރަނގަޅު ޕްރޮޖެކްޓެއް، ހަމަ އެއާއެއްކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިމެނިގެންދިއުމަކީ އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ އުއްމީދު. ﷲ އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި މި އެއަރޕޯޓުގެ ސަބަބުން، ޓޫރިޒަމް ފުޅާވެ. އިތުރު ރަށްރަށް ޓޫރިޒަމްގެ ގޮތުގައި ތަރައްޤީކުރެވި، އިތުރަށް ވަޒީފާ ލިބި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭނެ ކަމެއް. މި ބަޖެޓުގައި މި އެއަރޕޯޓު ވެސް ހިމެނިފައިވޭ.''

އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ވަނީ ދެވިފައި ކަމަށެވެ. މިގޮތުން މިސްކިތްތައް އެޅުމާއި، ނަރުދަމާއާއި ފެން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށާއި، ޞިއްޙީ މަރުކަޒުތައް ގާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''ހަމަ އެއާއެއްކޮށް، ޞިއްޙީ މަރުކަޒުތަކަށް ވުރެ ބޮޑެތި ކަންތައްތައް ޓަރޝަރީ ހޮސްޕިޓަލުތައް، މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލުތައް އަޅުގަނޑުމެން މި ދަނީ ތަންތަނުގައި، ރާއްޖޭގެ އެކި ސަރަޙައްދުގައި ގާއިމުކުރަމުން. އެހެންވީމާ، އަސާސީ ޚިދުމަތްތައް މިހާރު މި ވަނީ ފުރިހަމަވުމަކާ ކައިރިވެފަ. އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ދެން ޕްލޭންކުރަންވީ އިޤުތިޞާދު މަސައްކަތްތަކަށް، ކޮންމެ ސަރަޙައްދެއްގައި ވެސް އިޤުތިޞާދީ މަސައްކަތްތައް އޮންނާނީ ކިހިނެއްތޯ. އެ ސަރަޙައްދެއްގައި ވަޒީފާތައް އިތުރުވާނީ ކިހިނެއްތޯ. އެ ސަރަޙައްދުން ލިބޭ އާމްދަނީ އިތުރުވާނީ ކިހިނެތްތޯ ބަލައިގެން ޕްލޭންކުރެވެމުންދާ ޕްލޭންކުރެވެމުން، މިހާރު މި ކުރެވެނީ ވަރަށް އެޑްހޮކްކޮށް. އެކި ތަނުގައި އެކި ކަންތައްތައް މި ކުރެވެނީ، އެއްވެސް ކަހަލަ ޕްލޭނެއް ނެތި، އެއްވެސް ކަހަލަ އަމާޒެއް ނެތި މި ކަންތައްތައް މި ކުރެވެމުންދަނީ. މިއީ މިދިޔަ ސަރުކާރުތަކުގައި މި ކަންތައްތައް ކޮށްފައި އޮތް ގޮތުން މި ކަންތައް ވަނީ، އަޅުގަނޑުމެން އެކަކު އަނެކަކަށް، އެއް މެންބަރަކު އަނެއް މެންބަރަކު މި ޝަކުވާތައް ކުރަމުންދަނީ، ބައެއް ބަޖެޓުތައް ނުވަތަ ބައެއް ފަހަރަށް ވަކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން ހިންގޭ. އަޅުގަނޑުމެންނަށް އެނގެންވީ، ޤައުމު ތަރައްޤީވެ ގައުމު ދާއިރު، އަޅުގަނޑުމެން ސަރަޙައްދަށް ނުވަތަ މިވެނި ސަރަޙައްދަށް ކޮންކަހަލަ އިޤުތިޞާދީ ވަސީލަތެއްތޯ ލިބެން ހުންނާނީ ނުވަތަ މިވެނި ތަނަކުން ކޮންއަހަރަކުތޯ މި ޚިދުމަތް ލިބޭނީ.''

އިބްރޭ ވިދާޅުވިއެވެ.

އެގޮތަށް ތަރައްޤީވެގެން ނޫނީ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުން ނުހުއްޓޭނެ ކަމަށާއި، މިވެނި އަހަރެއްގައި މިވެނި ޚިދުމަތެއް މިވެނި ސަރަޙައްދަކުން ލިބޭނެކަމުގެ ޔަޤީންކަން އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ދާއިރާތަކަށް ގޮއްސަ ކެމްޕެއިންކުރާއިރު އަޅުގަނޑުމެން ބުނަން އެބަޖެހޭ އަދި ކުޑަކޮށް އަވަހޭ. މި ދާއިރާއަށް އެކަން އޮތީ މިވެނި އަހަރެއްގައި މިވެނި ކަމެއް ރޭވިފައޭ. މި ދާއިރާގައި ވެސް ތި ކަމެއް ހިނގާނޭ. މިގޮތަށް ނެތްއިރު، ފެންނަން ނެތްއިރު އަޅުގަނޑުމެންނަށް އިނގިލިދިއްކުރަމުން އެކަކު އަނެކަކަށް ދާނެ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް މުހިންމު ކަމެއް، އިޤުތިޞާދީ އަދި ބޮޑެތި މަސައްކަތްތައް، ސިނާއީ މަސައްކަތްތައް ރޭވިފައި ހުރި ގޮތް އެކަށައަޅާފައި އޮންނަ ޗާޓެއް ނުވަތަ އަޅުގަނޑުމެންގެ މުސްތަޤުބަލު އެނގޭނެ ގޮތަކަށް މި ކަންތައްތައް ކުރުން.''

އިބްރޭ ވިދާޅުވިއެވެ.

ބަޖެޓް ރިޕޯޓު ބަހުސްގައި އިބްރޭ ވަނީ ބަޖެޓަށް ތާއީދުކުރަށްވާ ވެސް ވާހަކަ ދައްކަވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށެވެ. ބަޖެޓް ފިނޭންސް މިނިސްޓްރީއިން މަޖިލިސްއަށް ފޮނުވިއިރު އޮތް 34.7 ބިލިއަން ރުފިޔާއަށް މިހާރު 135 މިލިއަން ރުފިޔާ އިތުރު ކުރެވި، މިހާރު ފާސްކުރަން ތަޅުމަށް ފޮނުވާފައިވާ ބަޖެޓްގެ ޖުމްލައަކީ 37.9 ބިލިއަން ރުފިޔާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަންނަން ގިނަ ކަންތައްތަކެއް ޕްލޭންކޮށް ރޭވިފައިވާ ކަމަށާއި، ބަޖެޓްގައި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށާއި، ބަޖެޓްގެ ސަބަބުން ރަނގަޅު ނަތީޖާ ފެނިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.