ރާއްޖޭގެ ޖަލުތަކުގައި ދީފައިވާ އަނިޔާތަކުގެ ތެރެއިން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އެނގި ވަޑައިގަންނަވާ، އަމިއްލައަށް ތަޖުރިބާ ކުރެއްވި އަނިޔާއިން ''ތަން'ކޮޅެއް'' މަޖިލިސް ތަޅުމުގައި ކިޔައިދެއްވައި، އޭނާއަށް އަނިޔާ ކުރި މީހުންނަށް މަޢާފު ކުރަށްވައިފިއެވެ.

ފިއްކަނޑައިގެންދާހާ އަނިޔާ އެކުލެވޭ މިވާހަކަތައް ބިގޭ ހިއްސާ ކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ''އިންތިޤާލީ އިންޞާފުގެ ބިލު'' ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

ބިގޭ ވިދާޅުވީ، އެއީ ވަޢުދެއް ފުދިގެން އަންނަ ދުވަސް ކަމަށާއި، އެ ބިލު ތަސްދީގުވެގެންދާނީ އުފާވެރިކަން ގެނެސްދެމުން ކަމަށެވެ. އަދި އިންތިގާލީ އިންސާފަކީ ''އަޅުގަނޑުމެން ވީ ވަޢުދެއް.'' ކަމަށެވެ.

ޖަލުގައި މިހާރު އަނިޔާދޭ ވާހަކަ މަޖިލިސްގެ ބައެއް މެންބަރުން ދައްކަވާތީ، އެއީ ކިހިނެއް، ކިހިނެއް ތަޞައްވުރުކުރެވިގެން އުޅޭ ކަމެއްބާއޭ ހިތަށްއަރާ ވަޑައިގަންނަވާ ކަމަށް ބިގޭ ވިދާޅުވިއެވެ.

''އެއަރކޯން ކޮޓަރީގައި، ޓީވީގައި، ޢާއިލާއާ ފޯނުން ގުޅޭ ގޮތަށް މިހާރު ތިއްބަވައިގެން، އޭރު އެ ބޭފުޅުން ޖަލުގައި ތިއްބެވި، ޖަލުގައި އުޅުނު މީހުންނަށް ދީފައި ހުރި އަނިޔާތަކުގެ ވާހަކަ ހިތަށް ނުވެސް އަރަނީބާއޭ އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑަށް ހަމަ އެނގިގެން ހިނގައިދިޔަ ކަންތައްތައް ކޮންމެވެސް ވަރަކަށް ހިއްސާކޮށްލަން ބޭނުން. ކުށެއް މީހަކު ކުރީމާ، ޓެރަރިޒަމް ގާނޫނު ކިޔާފައި ގާނޫނެއް ހަދާއިރު، އެ މީހާ އޮންނަނީ ޖަލުގައި. ޖަލުގައި އެ މީހާ ބާއްވާފައި ގާނޫނުގައި މި ލިޔަނީ، މިހާތަނަށް ހުކުން ނީއްވާ ތިބި މީހުންނަށް ހުކުން އިއްވާނީ މި ގާނޫނުގެ ދަށުންނޭ ކިޔާފައި ހުކުން މި އިއްވަނީ. ގާނޫނުން ހުކުން އިއްވާފައި އެ ތަންކޮޅު މި ފުހެލަނީ ގާނޫނެއްގައި އޮންނަ ރަނގަޅު ނޫން ތަންކޮޅެއް ކަމަށް ގަބޫލުކުރެވިގެން.''

ބިގޭ ވިދާޅުވިއެވެ.

އެގޮތަށް ހުކުމެއް ނުއިއްވާ ޓިނު ގޮޅީގައާއި ކުޑަގޮޅީގައި 2 އަހަރު ވަންދެން މީހުން ބައިތިއްބާފައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

''އެ ދުވަސްވަރު ހެސްކިޔާފައި އަނިޔާކޮށްފައި އެބަހުރި، ނިދިޔަނުދީ ޓިނުގަނޑުގައި ތަޅައި، ލިނަމަންޓް ބޯންދީގެން މަރާލަން އުޅެ، މިކަހަލަ ކިތަންމެ ކަންތައްތަކެއް ޖަލުގައި ހިނގައިގޮސްފައި އެބަހުރި. ފެންވަރަށް ދެނީ ހަފްތާއަކު އެއް ދުވަހު 15 މިނެޓު. ފެން ޖަގެއްގެ ފެން، ފެންވަރަން ދެނީ، އެއީ ތުނބުޅި ބޭލުމަށާއި، އަދި އަންނައުނު ދޮވުމަށާއި، ހުރިހާ ކަމެއް ކުރަން ލިބޭ ވަގުތު، އަޅުގަނޑަށް ތަޖުރިބާކުރެވިފައި ހުރި ގޮތުން، އެ ލިބޭ ފެން ޖަގު އިންނަ ބާލިދީގަނޑެއް ދެފައި ދޭތެރެއަށް ދިމާކޮށްފައި ބޮލަށް ފެން އަޅައިލީމާ އެ ފައިބާ ފެންފޮދު ދުވެފައި އޮންނަ އަންނައުނު ދޮންނަން ވެސް ބޭނުންކުރަން، ފެންފޮދެއް ލާން މި ލިބެނީ.''

ބިގޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ޖަލުގައި ކަންތައްތައް ކޮށްފައި، އެތައް ޒަމާނެއް ޖަލުގައި ގެންގުޅެފައި، ހަތަރުފަސް އަހަރު ގެންގުޅެފައި އަރުވައިލާފައި ވެސް އެބަހުރި ކަމަށެވެ.

''އަރުވައިލީމާ އިއްޒަތްތެރި މެންބަރުން ހަމަ ރަނގަޅަށް ކަނުލާ އަޑުއައްސަވާތި! އަރުވައިލާފައި ހުންނަ ދުވަސްވަރު ޖަލުގައި ހުންނަ ހުކުން ތަންފީޛުކުރަން ރަށެއްގައި ހުންނަން ފުރުޞަތު ލިބުނީމާ، ކައިވެނިކުރަން އެދުނީމާ އެބަހުރި ކައިވެނިކުރަން ހުއްދަދީފައި އެކަމަކު، ޢާއިލާ މީހާ ކައިވެނިކުރާ ޙަފުލާގައި ބައިވެރިވާކަށް ހުއްދައެއް ނުދޭ. ހަމަ ކައިވެނިކޮށް ނިމިގެން، 24 ގަޑިއިރު ނުވަނީސް އަނބިމީހާއާ ވަކިކޮށް ޖަލަށް ލާފައި އެބަހުރި. ގެންގޮސް އަނެއްކާ ހުރި ރަށުން ގެނެސް، މާލެއަށް ގެނެސް ޖަލަށް ލާފައި ވެސް އެބަހުރި އިނގޭތޯ. އެހެންވީމާ، މިފަދަ ގޮތަކަށް ކަންތައްތައް ކުރަމުންދަނީ.''

ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އަށް އަހަރު ނުވަތަ ނުވަ އަހަރު ވަންދެން މިފަދަ ބޮޑެތި އަނިޔާތައް މީހުންނަށް ދީފައި ތިއްބެވި ބޭފުޅުން، މިހާރު އައިސް ޖަލުގައި އަނިޔާކުރާ ވާހަކަ ދެއްކީމާ އެ ހަނދާންތައް އައުވާ ކަމަށެވެ.

''މިހާރު މި އިންތިގާލީ އިންސާފުގެ ބިލުގެ 43 ވަނަ މާއްދާއިން އެބަލިބޭ މާލީ ގޮތުން ބަދަލު ނަގައިދިނުން ވެސް، އަދި އެ ފަރާތުން މި ފަރާތަށް މާފަށް އެދުން ވެސް އިނގޭތޯ. އަޅުގަނޑު މި ހިތަށްއަރަނީ ހާދަ ބަޔަކަށް އެ ބަދަލުދީ، މާފުދޭންޖެހޭނޭ މި ބޭފުޅުން. އަޅުގަނޑު މި ދައްކާ ވާހަކައަކީ، ހަމަ އަޅުގަނޑު އަމިއްލައަށް ތަޙައްމަލުކުރި ކަންކަން. މިކަމަށް ހެކިވެވަޑައިގަންނަވާނެ މިހާރުގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު. އަޅުގަނޑު މި ވާހަކަތައް މި ދައްކަނީކީ އަޅުގަނޑަށް އަނިޔާދިން ވާހަކައެއް ދައްކާކަށް ނޫން. އަޅުގަނޑުމެން ވެގެން މި އައި ވަޢުދު، އިންތިގާލީ އިންސާފު ގިނަ ރައްޔިތުންތަކަކަށް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދެވޭތީ އެކަމުގެ ހިތްހަމަޖެހުމާއެކު ދައްކާ ވާހަކަ.''

ބިގޭ ވިދާޅުވިއެވެ.

''އަޅުގަނޑަށް މި އަނިޔާ ދިން، އަޅުގަނޑަށް ހަމަ ލިބުނު އަނިޔާ، އަޅުގަނޑަށް ކުރި އަނިޔާ މި ދެންނެވީ. ލިނަމަންޓް ބޯންދީގެން މަރާލަން އުޅެފައި ވެސް އެބަހުރި، ކަންދިމާކުރި ގޮތުން މިތާނގައި ހުރެވުނީ. އެހެންވީމާ، މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް އަނިޔާކުރި އެންމެން، އެކި ގޮތްގޮތުން ފުރައްސާރަކޮށް ޖެއްސުންކުރި އެންމެންނަށް، އެ މީހުން އަޅުގަނޑު ކައިރިއަށް މާފަށް
އައުމުގެ ފުރުޞަތު ދިނުމުގެ ބަދަލުގައި އަޅުގަނޑު އެ ހުރިހާ ފަރާތަކަށް މާފުކޮށްފީމޭ.''

ބަހުސް ނިންމާލަމުން އަސަރާއިއެކު ބިގޭ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އިންތިޤާލީ އިންޞާފުގެ ބިލު އިއްޔެގެ މަޖިލިސް ޖަލްސާގައި ވަނީ 54 މެންބަރުންގެ ވޯޓުން ފާސްކުރަށްވާފައެވެ. އެ ބިލަށް ވޯޓަށް އެހި އިރު ތަޅުމުގައި ތިއްބެވީ މަޖިލިސްގެ 87 މެންބަރުން ކުރެ، 56 މެންބަރުންނެވެ.