ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިގެންއެވެ.

މި އެވޯޑު ރާއްޖެ އަށް ލިބުނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފިނާލޭގައި ދުބާއީ އާއި މެލޭޝިއާ އާއި ސްޕެއިން އާއި މޮރިޝަސް އަދި ސްރީ ލަންކާ ހިމެނޭހެން 22 ޤައުމަކާއި ވާދަކޮށްގެންނެވެ.

Ad
rt

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް މިލިބުނު ބޮޑު ކާމިޔާބާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެވޯޑު ރާއްޖެއަށް ލިބުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި ކޯވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނަކަށް ހެދިގެން ދިޔައީ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މުޅި އިންޑަސްޓްރީއަށް މަރުހަބާ ދަންނަވައިފައެވެ.

އެއުފަލާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކޯވިޑްގެ ސަބަބުން ބަންދު ކުރަން ޖެހުނު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ރައީސް ޞާލިޙް ނިންމެވި ނިންމެވުން ފާހަގަކޮށް، ރައީސް ޞާލިޙަށާއި، އެ ސިނާޢަތުގެ އެންމެހާ ފަރާތް ތަކަށާއި، އެޗްޕީއޭ، ހެލްތު މިނިސްޓްރީ، އިމިގްރޭޝަން، އެއާޕޯޓްސް ކޮމްޕެނީ، ރަށު ކައުންސިލްތައް އަދި ގުޅުހުންހުރި އެންމެހާ އެހެނިހެން ފަރާތްތަކުން ކުރެއްވި މުހިންމު މަސައްކަތްތައް ވެސް ފާހަގަ ކުރަށްވާ މަރުޙަބާ ދަންނަވާފައެވެ.

މިފަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި، އެމެރަލްޑް މޯލްޑިވްސްއަށް ''ވޯލްޑް ލީޑިން ނިއު ރިޒޯޓް އެވޯޑް''، ވޯއްމުލިއަށް، ''ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިޒޯޓް އެވޯޑް''، ބަރޮސް މޯލްޑިވްސްއަށް ''ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް އެވޯޑް''، ޖޭއޭ މަނަފަރަށް ''ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް އެވޯޑް''، ފޯ ސީޒަންސް އެޓް ކުޑަހުރާއަށް ''ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް އެވޯޑް''، އަދި އެއާޓެކްސީ އޮޕަރޭޓްކުރާ ޓީއެމްއޭއަށް ''ވޯލްޑް ލީޑިން ސީ ޕްލޭން އޮޕަރޭޓާ އެވޯޑް'' އަދި ހުޅުލެ އައިލެންޑް ހޮޓެލަށް ''ވޯލްޑް ލީޑިން އެއާޕޯޓް ރިޒޯޓް އެވޯޑް'' ވަނީ ލިބިފައެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ހިމެނެ އެވެ.

1993ގައި ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، އެންމެ މަޝްހޫރު އަދި ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ، އެންމެ އިތުބާރު ބޮޑު އެވޯޑުވެސް މެއެވެ.