މަހަށް ގޮސް އުޅެނިކޮށް ލޮލަށް ބުޅިއެއް ހެރުނު ޒުވާނަކަށް އަވަސް ފަރުވާއަށް މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެޒުވާނާގެ ލޮލަށް ބުޅިހެރުނީ، މ. މުލަކުގެ އިރުން 12 ނޯޓިކަލް މޭލު ބޭރުގައި ''ހާސިލް 2'' ކިޔާ ދޯނީގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ.
ލޮލަށް ބުޅި ހެރިގެން އަވަސް ފަރުވާއަށް ގެންގޮސްދިނީ އުމުރުން 28 އަހަރުގެ ދިވެހި ޒުވާނެއްކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެހާދިސާ ހިނގިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ހެނދުނު 9:41 ގައި ކަމަށާއި، އެ ރިޕޯޓު ލިބުމުން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން އެ ޒުވާނާއަށް އަވަސް ފަރުވާ ދިނުމަށް މ.އަތޮޅު ރީޖަނަލް ހޮސްލަށް ގެންގޮސްދީފައި ވަނީ ހެނދުނު 11:09 ގައި ކަމަށްވެސް އެންއެންޑީއެފުން ބުންޏެވެ.
މީގެ 4 ދުވަސް ކުރިންވެސް އެމްއެންޑީއެފުން ވަނީ މ. ކޮޅުފުށީގެ 11 ނޯޓިކަލް މޭލު ބޭރުގައި ''އަލި ރާސްތާ1'' ކިޔާ ދޯނީގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް 26 އަހަރުގެ ދިވެހި ޒުވާނެއްގެ ލޮލަށް ބުޅި ހެރިގެން އޭނާއަށް އަވަސް ފަރުވާ ދިނުމަށް މ.އަތޮޅު ރީޖަނަލް ހޮސްލަށް ގެންގޮސްދީފައެވެ.
އިތުރު ކަނޑުމަތީގެ ހާދިސާއެއްގައިވެސް އެމްއެންޑީއެފުން އަންނަނީ ހަރަކާތެރިވަމުންނެވެ. މިގޮތުން ގުޅީފަޅު ކައިރީގައި އޮތް މުދާ އުފުލާ ބޯޓަކަށް ކަމަށްވާ، "ވިކްޓޯރިއާ 301" ގެ އިންޖީން ރޫމަށް ދިޔަވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު ލިބުމާ ގުޅިގެން ސިފައިން ގޮސް ހަރަކާތްތެރިވަމުންދާ ކަމަށާއި ސިފައިންގެ ޑައިވަރުންގެ ޓީމެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ބޯޓުގައި ދިވެހި އަށް ފަޅުވެރިން ވެސް ތިބިއިރު، ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅުކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!