ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަސްދުވަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފިއެވެ.
އެ ހޮސްޕިޓަލުގައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 128 މުއައްޒަފުން މަސައްކަތް ކޮށްފަވެއެވެ. އޭގެ ތެރޭގައި 15 މެޑިކަލް ޑޮކްޓަރުންނާއި 32 ނަރުހުން ހިމެނެއެވެ.
ވޭތިވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން އައުޓް ޕޭޝަންޓުންގެ ގޮތުގައި 28214 ބަލިމީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ލެބޯޓްރީގެ ޚިދުމަތް 94969 މީހުން ހޯދާފައިވާ އިރު އެކްސް-ރޭ ނަގާފައިވަނީ 2864 ބަލިމީހުންނެވެ. އަދި ބަނޑުގައިވާ ދަރިފުޅުގެ ޙާލު ދެނެގަންނަ ސްކޭން 2022 މާބަނޑު މީހުން ހޯދާފައިވާ އިރު، ފިޒިއޯތެރަޕީގެ ޚިދުމަތް ލިބިގަނެފައިވަނީ 2910 ފަރާތުންނެވެ.
އިން ޕޭޝަންޓުންގެ ގޮތުގައި ހޮސްޕިޓަލުގައި އޮބްސަވޭޝަންއަށް 604 ފަރާތަކުން އެޑްމިޓް ކޮށްފައިވާ އިރު، އިތުރު ފަރުވާ އަށް 480 ބަލިމީހުންވަނީ ވޭތިވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި އެޑްމިޓްކޮށްފައެވެ. މީގެ ތެރޭގައި ކުދި ފެޅުން ތަކުގައި 75 ފަރާތެއް ޚިދުމަތް ހޯދާފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ. އަދި 163 ކުޑަކުދިންވެސް ވަނީ އިން ޕޭޝަންޓުންގެ ގޮތުގައި ހޮސްޕިޓަލުން ފަރުވާ ދީފައެވެ.
މާބަނޑު މީހުންގެ ތެރެއިން ވިހާފައިވަނީ 48 އަންހެނުންނެވެ. އަދި ސިޒޭރިއަން ހަދާފައިވަނީ 93 ފަރާތުންނެވެ. އަދި ކިޑްނީ ޑަޔަލިސިސްގެ ފަރުވާ 720 ފަހަރު ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ ހޮސްޕިޓަލުން އިތުރު ފަރުވާ އަށް މި 11 މަސް ދުވަހު މާލެ ފޮނުވާލާފައިވަނީ 41 ބަލިމީހުންނެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވަނީ 40 ފަރާތެވެ. އަދި ހާލު ދެރަވެގެން އެ ހޮސްޕިޓަލުން އައިސީޔޫގައި ފަރުވާ ދީފައިވަނީ 34 ބަލިމީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!