އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ. އަދި އެ ޚިޠާބުގައި އެމަނިކުފާނު ވަނީ އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިވާފައިއެވެ.

Ad
rt

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ހިތާމައާއެކު ފާހަގަކުރައްވާކަމަށެވެ. އަދި، ގިނަ ފަހަރަށް، ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިޞަލް ވަނީ ކޯވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ޤައުމަށް ކުރިމަތިވެފައިވާ އިޤްތީޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

މި ގޮތުން، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމާއި، އަންހެނުންނެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ޝަރުޢީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައި ނައިބު ރައީސް ފައިޞަލް ވަނީ މިފަދަ މައްސަލަތަކަކީ ވަކި ޤައުމަކަށް ޚާއްޞަ މައްސަލަތަކެއް ނޫންކަން ފާހަގަކުރައްވައި، އެ ގޮތުން، މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިޙުތިރާމު ލިބިގެންވާ، ޤަދަރުވެރި ބަޔެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވައިލައްވާފައެވެ.