ރާއްޖޭގެ އުތުރަށް އަބަދުވެސް ތަފާތު ކުރާތަން ފެންނަ ކަމަށާއި، ދެކުނަށް ދެ ސިޓީ ލިބޭނަމަ އުތުރަށް ލިބެނީ ބޭސް ސިޓީއެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ ނުރުހުން ފާޅުކުރަށްވާ މި މޭރުމުން ވާހަކަ ދެއްކެވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ.

Ad
rt

އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ''ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު''އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، އެ ބިލަކީ ކޮން މަޤުޞަދެއްގައި ކޮންކަމެއް ހާސިލުކުރަން އަދުގެ ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލެއްކަން ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

''ދިވެހިރާއްޖޭގައި ދެކުނާއި އުތުރު އޮންނައިރު، އުތުރަށް މި ލިބެނީ 4 ޑޮލަރަށް މި އޮންނަނީ. އެކަމަކު ދެކުނަށް 2 ޑޮލަރު، ދެކުނަށް ދެ ސިޓީ، އުތުރަށް ބޭސްސިޓީ. އަބަދުވެސް އުތުރު ތަފާތުކުރާ ތަން މި ފެންނަނީ. މިއަދު ވެސް ދިވެހިރާއްޖޭގައި ޓޫރިޒަމަށް 50 އަހަރު ފުރިގެންދިޔައިރު ތިލަދުންމަތީގައި، ހދ. ގައި ރިސޯޓެއް ނެތް. ރިސޯޓެކޭ ކިޔާފައި ހޮނޑާފުށި ކިޔާ ތަނެއް އެބައޮތް، ހަ ޑޮލަރު ސަރވިސް ޗާޖަށް ނުދޭ އެތާނގައި،''

މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ، ހދ. އަތޮޅުގައި ހުރި ރީތި ރަށްތައް މާލޭގެ މުއްސަނދިން ނަގާފައިވާ ކަމަށާއި، ނަމަވެސް އެރަށްތަކުގައި ރިސޯޓު ތަރައްޤީކޮށްފައިވެސް ނުވާކަމަށެވެ. އޭނާ ވިދާޅުވީ އޭގެތެރެއިން އެއް ރަށަށް ބޭނުން ކުރަމުން ދަނީ ''ރާއްޖޭގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ'' ޕްރައިވެޓް އައިލެންޑެއް ހަދައިގެން ނާޗަރަންގީކުޅެން ކަމަށެވެ.

''މަޖިލީހުގެ ރައީސްގެ ބަފައިބެގެ ރަށެއް އޮވޭ އެތާ، ހދ.ގެ އެންމެ ރީތި ރަށް. އެ ރަށުގައި ވެސް ރިސޯޓެއް ނަހަދާ. ހޮނޑާފުށީގައި ވެސް ރިސޯޓެއްގެ ނަމުގައި 4 ކޮޓަރި ހަދައިގެން މިއަދުގެ ސަރުކާރުގެ މިނިސްޓަރުންތަކެއް ނާޗަރަންޖީކުޅެންވެގެން. ހދ. އަށް ވާ ފައިދާއެއް ނެތޭ މި ކަމަކުން. ހައްތަހާ ހދ.އަށް އަނެއްކާވެސް ގެއްލުން.''

މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިން ރިސޯޓެއް ތަރައްޤީ ކުރުމަށް 14 ހެކްޓަރުގެ ބިމެއް މުއްސަންޖަކަށް ދީފައި އޮންނަތާ މިހާރު ބާރަ އަހަރު ވެގެން ދަނީކަމަށެވެ. ނަމަވެސް އެތަނަށް އަކައެއްހާ ހިސާބުވެސް ޖަހާލާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށުގެ ރައްޔިތުންނަށް އެ ސަރަޙައްދަށް ވަނުން މަނާކޮށްފައި އޮންނަ ކަމަށާއި، އެ ވަރުގެ ބިމެއް ނަގައިގެން އެހާ ގިނަ ދުވަސްވީއިރު ނޮޅިވަރަމް ދާއިރާ އަދި ހދ.ގެ ރައްޔިތަކަށް އެތަނުން ވަޒީފާއެއް ލިބޭނެ ގޮތެއްވެސް ނެތް ކަމަށް މޮސްޓާ ވިދާޅުވިއެވެ.

''އެކަމަކު ވެސް ސަރުކާރަށް ނަންކިޔާ، ސަނާކިޔާ ބަޔަކަށް ވެއްޖެއްޔާ އެ ތަން ދީފައި މި އޮންނަނީ. އެއްބަޔަކު އަތުން އަނެއް ބަޔަކު އަތުން އެ ބިން ބަދަލުވަމުން، ވާރުތައް މުދާގަނޑެއްހެން ހީވަނީ. 2008 ވަނަ އަހަރުން ފެށިގެން ބަހަމުންބަހަމުން ގޮސް މިއަދު ނޭނގެ ކާކު އަތެއްގައި ކަމެއް އެ ބިން އޮތީކީ ވެސް. ތަރައްޤީއެއް ކުރަނީކީ ނޫން. ސާދަ ހެކްޓަރު އެބައޮތް ނޮޅިވަރަންފަރުން ގެއްލިފަ. 197 ހެކްޓަރުން ސާދަ ހެކްޓަރު ގެއްލުނީމަ ނޮޅިވަރަންފަރު ރައްޔިތުންނަށް ކިހާ ބޮޑު ގެއްލުމެއްތޯ މިވަނީ؟ ތިލަދުންމައްޗަށް ކިހާ ބޮޑު ގެއްލުމެއްތޯ މި ވަނީ؟ ހަތާވީސް ހާސް މީހުން ނިސްބަތްވާ ހދ. އަށް ޓޫރިޒަމް ނެތި 50 އަހަރު މި ހޭދަކުރަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމްގައި ހދ. މީހުންގެ ހިއްސާ ވަކި ކުޑައެއް ނުވާނެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ތިލަދުންމަތީ މީހުންގެ ހިއްސާ ވަކި ކުޑައެއްނުވާނެ. މި މީހުންނަށް ވެސް ބޭނުންވާނެ އަމިއްލަ އަތޮޅުގައި ތިބެގެން ވަޒީފާ ލިބޭނެ ގޮތެއް، އަނބިދަރިން ކައިރީގައި ތިބެގެން ވަޒީފާ ލިބޭނެ ގޮތެއް، އެ ފުރުޞަތެއް އެއްވެސް ސަރުކާރަކުން ތިލަދުންމައްޗަކަށް ފަހިކޮށްދީފައެއް ނެތް.''

މޮސްޓާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާ އޭނާގެ އަމިއްލަ ހައިސިއްޔަތުން ބައްދަލު ކުރަށްވައި، ހދ. ގައި ރިސޯޓެއް ނެތް ވާހަކަ ބުނުމުން ''ހދ.ގައި ރިސޯޓެއް ނެތްހެއްޔޭ؟'' މިނިސްޓަރު ސުވާލު ކުރެއްވިކަމަށް މޮސްޓާ ވިދާޅުވިއެވެ.

''މިއީ ޓޫރިޒަމް މިނިސްޓަރުގެ ފެންވަރު، ހދ.ގައި ރިސޯޓެއް ނެތް ހެއްޔޭ؟ ދެން ބުނަނީ، ހދ. އަށް ދަތުރުފަތުރު އުނދަގުލީއޭ، ހދ. އަށް ދަތުރުފަތުރު އުނދަގުލިއްޔާ ކީއްވެހޭ ހއ. ގައި ތިން ރިސޯޓް، ގދ.ގައި އެބަހުއްޓޭ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑުތައް، ހދ.އެކޭ، ގދ.އެކޭ ދުރުމިން ވަކި ތަފާތެއް ނުވާނެ. އެހެންވީމާ، ސަރުކާރުން ކޮށްދޭކަށް ބޭނުމެއް ނުވޭ މި ކަންތައްތަކެއް. ހދ. ގައި އެހެރީ ރީތި ބީޗުތައް. ހަނިމާދޫ ބީޗު، ނޮޅިވަރަންފަރު ބީޗު، ހޮނޑާފުށީ ބީޗު، މި އެއްވެސް ތަނެއް؛ ތީފަރިދޫ ބީޗު، ކުޑަމުރައިދޫ، މި އެއްވެސް ތަނެއް ތަރައްޤީކޮށްދޭކަށް ސަރުކާރުން ބޭނުމެއް ނުވޭ. ނުއަގުގައި މި ތަންތަން ވިއްކާފައި ހުރީ މާލޭގެ މުއްސަނދިންނަށް. ތަރައްޤީކުރިޔަސް ނުކުރިޔަސް ސަރުކާރަށް ކޮންކަމެއްތޯ؟ ތިލަދުންމަތިން ވޯޓު ލިބެންޏާ ނިމުނީ ނޫންތޯ. އެހެންވީމާ، މި ކަންތައްތައް މިގޮތަށް ނުގޮސް، މިއަށް ހައްލެއް ހޯދޭނެ ގޮތެއް؟ ހދ. މީހުންގެ ރިހުންތަކަށް ވެސް މި ސަރުކާރުން ވެސް، ހުރިހާ ސަރުކާރަކުން އެބަޖެހޭ ހައްލެއް ހޯދައިދޭން. އެހެން ނޫން ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން އަބަދުވެސް ނާށިގަނޑު ހިފައިން ސަލާންޖަހަންތޯ ތިބެންވީ؟ ހދ. ގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ނެތީތޯ؟ ނޮޅިވަރަންފަރުގެ ދެކޮޅުގައި އެބައޮތް ދެ އެއަރޕޯޓު.
ދިހަ މިނެޓުން ދެވޭ ދެ އެއަރޕޯޓަށް. އެކަމަކު އެއަރޕޯޓު ތަރައްޤީކުރަން، އެތަނުގައި ރިސޯޓެއް ނެތިއްޔާ ކޮން ވަޒީފާއެއްތޯ އޮންނާނީ؟ ކޮން ޙައްޤެއްތޯ އަޅުގަނޑުމެންނަށް އޮތީ؟ މިއަދު ވެސް ނެތް އެއްވެސް ޙައްޤެއް އަޅުގަނޑުމެންނަށް. ވަޒީދާއަދާކުރަން މި އަންނަންޖެހެނީ ހދ. މީހުން ގައ. ގދ. ހިސާބަށް. ނޫނީ މާލެ އަތޮޅަށް ބ. އަތޮޅަށް، ނ. އަތޮޅަށް އެކަމަކު ހދ.ގައި ކަމެއް ކުރަންވީމާ ސަރުކާރަށް ވެސް ވަރަށް ބޮޑު ކަމަކަށް މި ވަނީ، ރިސޯޓެއް ތަރައްޤީކުރަން އިޢުލާންކުރަން މި ކުރަނީ، މި ކުރަނީ، މި ކުރަނީ، މި ކުރަނީ، ޙައްލެއް ނުލިބޭ މި ކަންކަމަކަށް ވެސް.''

މޮސްޓާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ކަމެއްގައި ހދ. އަށް ކަމެއް ކޮށްދޭކަށް އެއްވެސް ސަރުކާރަކުންނެއް ނޫޅޭ ކަމަށެވެ. އެހެންކަމުން ބަހުސް ކުރެވެމުންދާ ބިލު، ޤާނޫނަކަށް ވެގެން އަޔަސް ނަޔަސް، ހދ. ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި މޮސްޓާ ''އުތުރަށް މި ލިބެނީ 4 ޑޮލަރަށް މި އޮންނަނީ. އެކަމަކު ދެކުނަށް 2 ޑޮލަރު'' ކަމަށް އިޝާރާތް ކުރެއްވީ ހުށަހެޅިފައިވާ ބިލުގެ ޖަދުވަލު 1 ގައި ''ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޔޮޓް މެރީނާއާއި، އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށް ކުއްޔަށްދޭ ރަށްރަށާއި، ބިމުކުލި'' ގެ ގޮތުގައި ދެ ލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަހަރަކަށް މީޓަރަކަށް ޏ،ސ. އަތޮޅާއި އަދި ހއ.ހދ އަތޮޅަށް ކަނޑައަޅާފައިވާ ކުލީގެ ރޭޓަށް ނިސްބަތް ކުރަށްވައެވެ. މިގޮތުން ޏ،ސ. އަތޮޅަށް ކަނޑައަޅާފައި ވަނީ އަހަރަކަށް އަކަ މީޓަރަކަށް 2 އެމެރިކާ ޑޮލަރެވެ. ހއ.ހދ އަތޮޅަށް ކަނޑައަޅާފައި ވަނީ އަހަރަކަށް އަކަ މީޓަރަކަށް 4 އެމެރިކާ ޑޮލަރެވެ.