ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް ރާއްޖޭގެ އަތޮޅުތަކަށް ވެސް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް މި މޭރުމުން ވިދާޅުވީ، ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ފައިޞަލް ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންނަށް ދޭ ތެރަޕީގެ ގިނަ ޚިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވައި، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވެސް އެ ފަދަ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެހެންކަމުން މިބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ޚާއްޞަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ނައިބު ރައީސް ފައިޞަލް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައި ކަމަށެވެ. މި ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ޚިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައި ކަމަށާއި، އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބު ރައީސް ފައިޞަލްއާއި، ޙިއްޞާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޤައުމީ ޔުނިވަރސިޓީއާއި، އައި.ޖީ.އެމް.އެޗް.ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!