ތިން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤު ކުރުމަށް، ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީން ބުނީ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤުރުމަށް ކޮމިޓީ އެކުލަވާލާފައިވަނީ، އޮކްޓޫބަރު 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

Ad
rt

އެގޮތުން ސްލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ އެއް ފަނޑިޔާރަކީ، ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭނާގެ ސްލޫކީ މައްސަލައެއްގެ ގޮތުގައި ބަލަނީ ޖަމްޢިއްޔާއެއް އުފައްދައި، އެ ޖަމްޢިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި، ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައެއްގެ އިތުރުން މުޒާހަރަތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލު ފާޅުކުރާކަމަށް ބުނާ މައްސަލަ އެކެވެ.

ދެން ސްލޫކީ މައްސަލަ ބަލާ އަނެއް ފަނޑިޔާރަކީ ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްއެވެ. އޭނާގެ ސްލޫކީ މައްސަލައެއްގެ ގޮތުގައި ބަލަނީ ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލު ދުއްވާކަމަށް ބުނާ މައްސަލައެކެވެ.

ތިން ވަނަ ފަނޑިޔާރެއްގެ ގޮތުގައި ސްލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ފަނޑިޔާރަކީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމެވެ. އޭނާގެ ސްލޫކީ މައްސަލައެއްގެ ގޮތުގައި ބަލަނީ، އޭނާ ބެއްލެވި މައްސަލައެއް ހިންގުމުގައި އަކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެކެވެ.