ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އައްޔަނުކުރައްވާފައިވާ އަޙްމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސް ޞާލިޙް، ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަނު ކުރެއްވީ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އަދި ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދިރާސާކޮށް ވަނީ ނަސީމަށް ރުހުން ދޭން ފެންނަކަށް ނިންމައިފަ އެވެ.
އެކަމަށް މަޖިލިސްގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރަން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ނަސީމް ހުންނަވަނިކޮށް، ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ، ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފަށާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޯލިޝަނަކުން ވެރިކަން ކުރަމުންއަންނަ މި ސަރުކާރުގެ ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!