ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މައްސަލައެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، ބަޖެޓް ބަހުސްގެ 3 ދުވަހުވެސް ފެނިވަޑައިގަތީ ދިވެހިރައްޔިތުންގެ އުއްމީދުތައް ހާސިލުކުރުމަށް ޓަކައި، މެންބަރުން ވަރަށް ރޫހުގައި ބަޖެޓުން ލިބެން އޮތް މިންވަރެއް ވީހާވެސް ބޮޑަކަށް ހޯދަން ވަކާލާތު ކުރެއްވިތަން ކަމަށެވެ.
''އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މައްސަލައެއް އެއީ، ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތު. އެކަހަލަ ކަންތައްތަކުގައި ވަނީ ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި މާޒީގައި ވަރަށް ބޮޑެތި ކަންތައްތައް ހިނގާފަ. އެހެން ވާން އެ ޖެހެނީ، އޭރުގައި ވެސް ތަފާތުކުރުން ބޮޑުކަމުން. އަޅުގަނޑުމެން އަޑުއަހަން، ލާހި ބައިލާއްސަށް ވެގެން އުޅުނު ދުވަސްވަރެއްގެ ވާހަކަ. މިކަހަލަ ކަންތައްތައް ހަމަޖެހެނީ ދައުލަތުގެ ނާޅިން މިނާމިނުން ހަމަހަމަނުވެގެން.''
ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދުގެ ކުރިން ބަހުސްގައި ވާހަކަ ދެއްކެވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ދެއްކެވި ވާހަކައަށް އިޝާރާތް ކުރަށްވާ ޖަމްޝީދު ވިދާޅުވީ އަޑުއިވިގެން ދިޔައީ މެންބަރެއްގެ އުދާސްތައް ކަމަށެވެ. އަދި އަސަރާއެކު އެ މެންބަރުގެ ޚިޔާލުފުޅު އަޑުއިވިގެން ދިޔަ ކަމަށެވެ.
''އެކަންކަމަކީ ދިވެހި ސަރުކާރު އިހްތިރާމުކޮށް ބަލައި، ބެލެންޖެހޭނެ، ބަލަހައްޓަންވާނެ ކަންތައްތައް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ކަމެއް ކޮށްދެވޭނީ، އެކަމެއް ކޮށްދޭ ފަރާތުގެ ހިތުގެ ތަނަވަސްކަން ވީހާވެސް ބޮޑަކަށް އޮވެގެން. ދިވެހި ސަރުކާރުގެ ހިތަކީ މާލީ ވުޒާރާ. މާލީ ވުޒާރާގެ ތަނަވަސްކަން އޮތްވަރަކުން ނުވަތަ އެ ހިތުގެ ތަނަވަސްކަން ފުޅާވެފައި އޮތް މިންވަރަކުން ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދެވޭނީ.''
ޖަމްޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަންކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމަކީ، ވީހާވެސް ބޮޑަށް ދައުލަތުގެ ދަރަނިތައް ކުޑަކުރުން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ބަޖެޓު ދަރަނީގެ ބަޖެޓެއްގެ ގޮތުގައި ފާސްކުރާތާ ވަރަށް ޒަމާންވެއްޖެކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން މި ބަޖެޓު އަރަނިވާނެ ދުވަހެއް ދެކެން އެދިވަޑައިގަންނަވާ ކަމަށާއި، އަދި އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
''މި ވަގުތަކީ ދިވެހި ދޯނީގައި ދިވެހި ރައްޔިތުން ދިވެހި ދޯނީގެ ދިރުބާކޮޅު ފެންފިލާމަތިން ފެށިގެންއައިސް ކޮޅުފަސްކޮޅު ފެންފިލާގަނޑުމައްޗާ ހަމައަށް ވަރަށް ވަރުގަދަ ސަފުތަކެއްގެ ގޮތުގައި އެތުރިލަންޖެހޭ ވަގުތު، އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރު ނުވަތަ ދިވެހި ޤައުމު މި ވަނީ މި އަހަރުގެ ކުރީކޮޅުގައި ދުނިޔެ ދުށް ބޮޑު ބަލިމަޑުކަމަކާއި ތަދުމަޑުކަމެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނީ ދިވެހިން، އެންމެހައި ދިވެހިން ދިވެހި ވަޒީފާތަކާ ހަވާލުވެގެން. ދިވެހި ވަޒީފާތައް ދިވެހީންނަށް ދެވިގެން. ދިވެހި ޤައުމުން ބޭރުވާ ފައިސާ ދިވެހިރާއްޖޭގައި ހިފެހެއްޓިގެން. މިކަން ކުރެވޭނީ ދިވެހީން، ދިވެހީންގެ މަޤާމުތަކާ ހަވާލުވެގެން. މިއީ ކުރަންޖެހޭ ކަމެއް. މިއީ އެ ވަގުތު، އަޅުގަނޑުމެން އަތުން ގެއްލިފައިވާ އަޅުގަނޑުމެންގެ މަޤާމުތައް އަޅުގަނޑުމެން ހޯދައިގެން މެނުވީ، އަޅުގަނޑުމެންނަށް މާދަމާއެއް ނުލިބޭނެ. މާދަމާ ހޯދުމަށް ޓަކައި އަޅުގަނޑުމެން މި ބަޖެޓުން ހާސިލުކުރަން ބޭނުންވާ މިންވަރަކީ، ވާހަކަދައްކާފައި ވަރަށް ފޯރީގައި ބަހުސްކޮށްފައި ނިންމައިލެވެން ނެތް ކަމެއް.''
ބަޖެޓް ބަހުސް ކުރިއަށް ގެންދަވަމުން ޖަމްޝީދު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން ބަންދު ކުރާއިރު، އެ އެއާޕޯޓުން ކުރަމުންދިޔަ ހަނިމާދޫ-އިންޑިއާ ދަތުރުތައް، ކުޅުދުއްފުށީ-އިންޑިއާ ދަތުރުތަކަކަށް ބަދަލުކޮށްދޭން އެދިވަޑައިގެންފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ލިބޭ އެންމެ ބޮޑު އެއް އުންމީދަކީ ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފާ ހޮސްޕިޓަލް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކުޅުދުއްފުށީ-ކޮޗިން ފެރީގެ ޚިދުމަތް ފެށިފައިވާއިރު ކުޅުދުއްފުށީ ޕޯޓަށް އަންނަން ޖެހޭ ބަދަލުތަކާއި، ތަރައްޤީ ގެންނަން ޖެހޭކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
15 ގަޑިއިރާއި 43 މިނެޓަށް ދެމިގެންދިޔަ 2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ވަނީ ނިމިފައެވެ. ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް ނިންމާނެ ކަމަށް ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ތަޅުމުގައި ރިޕޯޓަށް ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!