ބަޖެޓް ކުޑަކުރުމުގެ ގޮތުންކަމަށްބުނެ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރަށްރަށުގެ ތަރައްޤީއަށް ހިމަނާފައިހުރި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ އެންމެ ޕްރޮޖެކްޓެއް ވެސް މަދުކުރަން ތާއީދު ނުކުރަށްވާކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ޢަލީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ޢަލީ ވިދާޅުވީ ދަރަނި ބޮޑުވެ އިޤުތިޞާދު އެކޮޅުން މިކޮޅަށް ބަދަލުވަމުންދަނީ ކީއްވެގެންތޯ ހުރިހާ މެންބަރުން ވެސް ވާހަކަދައްކަމުންދާ ކަމަށެވެ. އަދި ބަޖެޓު
ބޮޑުވެ ނުވަތަ ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭ ވާހަކައާއި، ހިންގުން ފަސޭހަކުރަންޖެހޭ ވާހަކައިގެ އިތުރުން ބަދަލުތައް އަންނަންޖެހޭ ވާހަކަ ވެސް މެންބަރުން ދައްކަމުންދާ ކަމަށެވެ. އަދި މިއީ ބަދަލު އަންނަންވީ ވަގުތުކަމަށާއި، އަދި މިއީ ބަދަލުގެންނަންވީ ވަގުތުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްގޮތަކަށްވެސް ބަޖެޓް ކުޑަކުރާށޭ ކިޔާފައި، މީގައި ޖަހާފައި އޮތް ޕީ.އެސް.އައިޕީގެ އެންމެ ޕްރޮޖެކްޓެއް ވެސް މަދުކުރާކަށް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މިއީ ދަރަނި ނަގަންވީ ވަގުތު. އަޅުގނޑު ދެކެނީ، މިއީ ދަރަނި ނަގަންވީ ވަގުތު. އިތުރަށް ލިބެން އޮތް ދިމާއަކުން ވެސް ހޯދައިގެން، ލިބެން އޮތް އެއްޗެއް ވެސް ހޯދައިގެން، އާދޭސްކޮށްގެން ނުދީފިއްޔާ ގަދަކަމުން ވެސް ހޯދެން އޮތިއްޔާ ހޯދައިގެން ވެސް، ދަރަންޏެއް ނެގެންޏާ ނަގައިގެން ވެސް ޕީ.އެސް.އައި.ޕީ ރަށްރަށުގެ ތަރައްޤީގެ ހުރި ޕްރޮޖެކްޓުތައް ބާރަށް ކުރިއަށް ގެންދަންޖެހޭ ވަގުތު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މާޒީވެދިޔަ 1000 އަހަރުދުވަހު ނުވެފައި ތިބި އެތައް ކަމެއް، އަސާސީ ޚިދުމަތްތައް ފޯރުނުކޮށްދެވިފައި ހުރި ކިތައް ރަށްތޯ މިއަދު އޮތީ؟ އާމްދަނީއެއް ނުލިބޭ.''

ޢަލީ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ މަޖިލީހުން ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓުގައި އޮތީ ދައުލަތުގެ އާމްދަނީއަށް ލިބެނީ އެންމެ 5 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މުޅި ޖުމްލަ ދައުލަތުގެ ބަޖެޓުގެ ގޮތުގައި އޮތީ ހަތް ބިލިއަން ރުފިޔާ ކަމަށެވެ. އޭރުގައި ވެސް ދެ ބިލިއަން ރުފިޔާ އޮތީ ދަރަނި ކަމަށާއި، ކަންކުރަނީ ދަރަންޏަށް ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

''މިއަދު 34 ބިލިއަން ރުފިޔާއަށް ބަޖެޓް އަރައިގެންދިޔައިމަ ވެސް ބަޖެޓުގައި ދަރަނި އެބައޮތް. ދަރަނި އޮތުމަކީ މައްސަލައެއް ނޫން. ރައްޔިތުން ހަމަ އެދެނީ، އެ ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށް، އެ ރައްޔިތުންގެ ތަރައްޤީގެ ޕްރޮޖެކްޓުތައް ގެންދެވޭނެ އިންތިޒާމެއް ހޯދައިދިނުމަށް.''

ޢަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭނެ ކިތަންމެކިތަންމެ ވަސީލަތްތަކެއް ހުރެދާނެ ކަމަށާއި، އެހެންނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމްގެ ދާއިރާ މިދިޔަ 2020 ވަނަ އަހަރު ހުއްޓުމާ އެކީގައި ދައުލަތަށް އާމްދަނީ ހޯދުމަށް ޓަކައި 22 ރަށެއް އަލުން ބީލަމަށް ލައިގެން ޓޫރިޒަމަށް އަލަށް ހުޅުވާލަން އުޅޭތަން ފެނިވަޑައިގަތް ކަމަށެވެ. އެހެންނަމަވެސް، އެކަން އޮތީ މި 2020 ވަނަ އަހަރު ޕެންޑަމިކާ އެކީގައި މަޑު ޖައްސައިލާފައިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

''އަޅުގަނޑު ދަންނަވާނީ 20 ރަށެއް ނޫނޭ، 22 ރަށެއް ނޫނޭ. 30 ރަށް ވެސް ނެރެންވީ ވަގުތަކީ މިއީއޭ ނެރެ ދައުލަތަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް އަޅުގަނޑުމެން އެބަޖެހޭ ހަދަން، އެ ރަށްތައް ވިއްކައިގެން ނަމަވެސް، ފަޅުތައް ހިއްކައިގެން ނަމަވެސް، ފަޅުތައް ވިއްކައިގެން އާމްދަނީ ހޯދަންވީއޭ. ހޯދައިގެން ކަންކަން ކުރަންވީއޭ އިޤުތިޞާދީ ގޮތުން އަޅުގަނޑުމެންނަށް މި ފެންނަނީ، ޕީ.އެސް.އައިޕީގެ ޕްރޮގްރާމް ރަށްރަށުގައި ހިންގުނީމާ އެ ރަށްރަށުގެ ރައްޔިތުން ގޮތްހުސްވެފައި ތިބީ. މި ޕެންޑަމިކާ އެކީގައި ގޮތް ހުސްވެފައި ތިބީދިވެހި ރައްޔިތުންނަށް ވަޒީފާއެއް ލިބި އެއިން ވެސް އާމްދަނީ ލިބެމުންދާ ތަން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އެކަން ކުރަން އެބަޖެހެއޭ.''

ޢަލީ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ ޚަރަދު ބޮޑުވަނީ ނޭގިއެއް ނޫން ކަމަށާއި، ކޮންމެ ދުވަހަކު އެތައް ކުދިންނެއް އުފަންވާ ކަމަށެވެ. މީގެ 20 އަހަރު ކުރިން، މީގެ 50 އަހަރު ކުރިން ދިވެހިރާއްޖޭގެ އާބާދީ ދެ ލައްކަ ފަންސާސް ހާހުގައި ހުރިނަމަވެސް މިއަދު ދިވެހިރާއްޖޭގެ އާބާދީ ވަނީ ފަސް ލައްކައާ ގާތްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ އަހަރަކު ސްކޫލަށް ވަންނަ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އޭގެ ސަބަބުން ސްކޫލްގެ ބަޖެޓް ބޮޑުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ހަމައެޔާއިއެކު ޞިއްޙީ ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، ޞިއްޙީ ދާއިރާއަށް ކުރަންޖެހޭ ޚަރަދު އިތުރުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޢަލީ ވަނީ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޢޫތައް ހިންގާއިރު، ޖެހިގެން ކުދިރަށްތައް ހިއްކުމަށް ވެސް ޚިޔާލު ފާޅު ކުރަށްވާފައެވެ. މިގޮތުން ޢަލީ ވިދާޅުވީ ރަށެއްގެ ބިމަށް 30 އަކަށް ހެކްޓަރު އިތުރުކުރާއިރު، ކައިރީގައި7 ހެކްޓަރު ވަރުގެ ރަށެއް ނުހިއްކަންވީ ސަބަބެއް ނެތްކަމަށެވެ. ރަށްރަށް ހިއްކާއިރު6 ނުވަތަ7 ހެކްޓަރުގެ ވެލި ޖެހިގެން އޮންނަ ފަޅަށް އަޅާލާ ކަމަށާއި، އެ ވެލިން އިތުރު ރަށެއް ހިއްކާލީމާ އެ ރަށް ރިސޯޓު ހަދަން ދެވޭނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

15 ގަޑިއިރާއި 43 މިނެޓަށް ދެމިގެންދިޔަ 2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ވަނީ ނިމިފައެވެ. ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް ނިންމާނެ ކަމަށް ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ތަޅުމުގައި ރިޕޯޓަށް ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.