ކޯވިޑްގެ ދަތިވަގުތުގައިވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިއަދު އެހީތެރިވާންވީ އެންމެ ދަތި ހާލުގައި ތިބި މީހުންނަށް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ.

ވަޙީދުު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ވަޙީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހެދިފައިވަނީ މެދުރާސްތާގެ ބަޖެޓެއްގެ ގޮތުގައި ކަމަށެވެ. އަދި މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއްބަޖެޓަށް ގެނައުމުގެ ފުރުޞަތު އޮތްކަން ފާހަގަ ކުރަށްވާ ވަޙީދު އިތުރަށް ވިދާޅުވީ، މިވަގުތު ތަޖުރިބާކުރާން ޖެހިފައިވާ ދަތި ހާލަތުގައި އިންކަމް ސަޕޯޓުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދޫކުރެވެމުންދާ ކަމަށެވެ. މިގޮތުން ވަޒީފާއަށް ނޭދެވޭ އަސަރު ކުރި ފަންސާސް ނުވަ ހާސް ހަފަރާތް، އެ އެލަވަންސް ދެވޭ މީހުން ތެރޭ ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

''އޭގެތެރޭގައި ވިހި ހާސް ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތައް. މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހަތް ހާސް ފަރާތް އެބަ ހިމެނޭ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހަ ހާސް ފަރާތް އެބަ ހިމެނޭ. އޭގެއިތުރުން އެހެނިހެން މަސައްކަތްކުރާ ބާރަ ހާސް ފަރާތް އެބަ ހިމެނޭ. އަޅުގަނޑުމެން މިއަދު އެހީތެރިވާންވީ އެންމެ ދަތި ހާލުގައި ތިބި ފަރާތްތަކަށް. ރާއްޖޭގެ ރަށްރަށުގައި ތިބި ފަރާތްތަތަކުގެ ތެރެއިން ކޮންމެ މީހަކީ އެކައުންޓެއް އޮތް މީހެއް ނޫން. އެ ބޭފުޅުންނަކީ ކޮންމެ ދުވަހަކު ބިން ހައްދައިގެން މަސައްކަތްކުރި މީހުންނެއް ނޫން. އެހެންވީމާ، މި ދަތި ދަނޑިވަޅުގައި އެންމެ ބޮޑު އަސަރެއް ކުރާ ފަރާތްތަކަކީ އެ ފަރާތައް''

ވަޙީދު ވިދާޅުވިއެވެ.

ސަރުކާރުން އިންކަމް ސަޕޯޓު އެލަވަންސް ދޭއިރުގައި އެފަރާތްތަކަކީ ކޮބައިކަން ސާފުކުރަންޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެ ފަރާތްތަކަށް މި ހާލަތުގައި އަޅައިނުލެވޭ ނަމަ، އެ އެލަވަންސް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

''ރިސޯޓުތަކުގައާއި އަދި އެހެނިހެން ތަންތަނުގައި މަސައްކަތްކުރި މުވައްޒަފުންގެ ހުރިހާ ޑޮކިއުމަންޓެއް ހަމަވާނެ. އެ ފަރާތްތަކަށް އެލަވަންސް ދިނުމަށް ޓަކައި ދަތިކަމެއް ނުހުންނާނެ. އެހެންނަމަވެސް، އަޅުގަނޑު މިދެންނެވި ފަރާތްތަކުގެ މަސައްކަތްތައް ތަރުތީބުވެފައި ހުންނާނީ ހުރިހާ ޑޮކިއުމަންޓެއް ހަމަވާ ގޮތަކަށް ނޫން. އެހެންވީމާ، މިއަދު އެކަމާ ބެހޭ މިނިސްޓްރިން އެހީތެރިވާން އެބަޖެހޭ، އެފަރާތްތަކަށް އެހީތެރިވާނީ ކޮން ގޮތަކަށްތޯ، އެ ފަރާތްތަކަށް އަޅައިލެވެނީ ކޮން ގޮތަކަށްތޯ''

ވަޙީދު ވިދާޅުވެފައި ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަނބުރާ ފޮނުވާލަންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ވެސް ވަޙީދު ވަނީ އަލި އަޅުވާލައި ވާހަކަ ދައްކަވާފަ އެވެ. މިގޮތުން އޭނާ ވިދާޅުވީ އިދިކޮޅުން، ޚާއްޞަގޮތެއްގައި އިދިކޮޅު ތަމްސީލް ކުރަށްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް އަނބުރާ ފޮނުވާލަން ގޮވައިލާ އަޑު އިވެމުންދާ ކަމަށެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކަށް ވާންޖެހޭނީ ހުށަހެޅިފައި އޮތް ބަޖެޓާ މެދުގައި ފާޅުކުރަންޖެހޭ ޚިޔާލުތައް ފާޅުކޮށް، މަޖިލީހުގެ ކޮމިޓީތަކުގައި ވާހަކަ ދައްކައިގެން ގެންނަންޖެހޭ އިސްލާޙްތައް ގެންނަން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުން ބަޖެޓަށް ގެންނަންޖެހޭ އިޞްލާޙްތައް ގެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''ކޮންމެ ފަހަރަކު ބަޖެޓު އައިމާ ޑޮލަރުގެ އަގު ފަންސަވީހަށް ދާނެ ކަމަށް ބުނެ، ބަޖެޓު ފޮނުވާލަން މައިނޯރިޓީ ލީޑަރު އެބަ މަސައްކަތްކުރޭ. އަޅުގަނޑަށް ފާހަގަވެގެންދަނީ، އަމިއްލަ މަޞްލަޙަތު ހިމެނޭ ކަމެއްގެ ގޮތުގައި އެ ވާހަކަ ދައްކާ ތަން. އަމިއްލަ މީހާއަށް ލިބޭ ފައިދާ ކުޑަވެގެންދާނެތީ ދައްކާ ތަން. ރައްޔިތަކަށް ފައިދާއެއް، ރައްޔިތަކަށް މަންފާއެއް ވާނެ ކަމެއްގެ ގޮތުގައެއް ނޫން. އިއްޒަތްތެރި ރައީސްގެ ބަޖެޓު އަނބުރާ ފޮނުވައިލާކަށްނުޖެހޭ. އަޅުގަނޑު ކުރިން ފާހަގަކުރިހެން ބަޖެޓު ތައްޔާރުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މި ބަޖެޓުގައި ކުރަންޖެހޭ ދިރާސާތައް ކުރެވިފަ.''

ވަޙީދު ވިދާޅުވި އެވެ.

ވަޙީދު ދެއްކެވި ވާހަކާގައި ވަނީ ކޯވިޑްގެ ހާލަތުގައި ސަރުކާރުން ކުރަށްވާ މަސައްކަތްތަކަށް ތަޢުރީފް ކުރަށްވައި، ޚާއްޞަކޮށް ހެލްތުގެ ދާއިރާގެ މަސައްކަތް ތެރީންނަށް ޝުކުރު އަދާ ކުރަށްވާފަ އެވެ. މި ދަތިހާލުގައި ވެސް ސަރުކާރުން ސިއްޙީ ދާއިރާއަށް ގިނަ ހޭދަ ތަކެއް ކުރަމުންދާ ކަމަށް ފާހަގަ އޭނާ ވަނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތައް ތަރައްޤީކުރަން އިތުރަށް ހޭދަ ކުރަންޖެހޭ ކަމަށް ވިދާޅުވެ ފައެވެ.

ވަޙީދު ވިދާޅުވީ މިއީ، އަތޮޅުތެރޭގެ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް އިތުރަށް ހޭދަކުރަން ޖެހޭ ވަގުތު ކަމަށެވެ.