ކުޅުދުއްފުށީ ރައްޔިތުން އެރަށުގެ ދެ މީހަކު، ރައްޔިތުންގެ މަޖިލިސްގެ އެރަށުގެ ދެ ދާއިރާ ތަމްސީލްކުރަން އިންތިޚާބުކޮށް، ފޮނުވީ އެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދު ތަކަކާއި އެކުގައި ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސީރު އަބުދުއްލަޠީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޔާސިރު ވިދާޅުވީ ކުޅުދުއްފުށިން، އެ ރަށުގައި ދިރިއުޅެމުން އައި ދެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށް ފޮނުވީ، އުއްމީދުތަކާ އެކީގައި ކަމަށާއި، ކުޅުދުއްފުށިން، އެރަށަށް ނިސްބަތްވާ ދެ މެންބަރަކު އިންތިޚާބު ކުރި ނަމަވެސް އެރަށުގެ ރައްޔިތުން އެދޭހާ ކަމެއް އެ ދެމެންބަރުންނަށް ނުކޮށްދެވޭނެކަންއެ ރައްޔިތުންނަށް އެނގޭ ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ.
''އެ ބޭފުޅުންނަށް އެނގޭ، އެ ބޭފުޅުންނަށް އަޅުގަނޑުމެންނަށް ވަޒީފާއެއް ހަމަނުޖެއްސޭނެކަން. އެ ބޭފުޅުންނަށް އެނގޭ، އަޅުގަނޑުމެންނަށް އެ ބޭފުޅުން އެދޭ ވަރަކަށް ފައިސާ ވެސް ނުދެވޭނެކަން. އެހެންނަމަވެސް، އެބޭފުޅުން ގަބޫލުކުރީ އަޅުގަނޑުމެން އައިސް އެ ބޭފުޅުންނަށް ޓަކައި މިތަނުގައި ތެދުވެރިކަމާ އެކީގައި ވާހަކަދައްކާނެކަން. އެ ބޭފުޅުންނަށް ޓަކައި ތާއަބަދު މަސައްކަތްކޮށްދޭނެކަން. އިއްޒަތްތެރި ރައީސް، އެކަމަށް ޓަކައި އަޅުގަނޑުމެން މި އައީ.''
ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ އެގޮތުގެ މަތީން ދައްކަންޖެހޭ ކޮންމެ ވާހަކައަކީ، އަދި އެ ރައްޔިތުންނަށް ޓަކައި ދައްކަންޖެހޭ ކޮންމެ ވާހަކައަކީ، ދައްކަންޖެހޭނެ ވާހަކައެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
''އިއްޒަތްތެރި ރައީސް، ހަމަ އެއާއެކީގައި އެ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިލައްވާނެ، އަޅުގަނޑަކީ ކުރިމަތީ ފައިކޭޓަށް އެއް ޕްރޮޖެކްޓު، ފަހަތު ފައިކޭޓަށް އަނެއް ޕްރޮޖެކްޓް ޖަހާލައިގެން، ދައްކަންޖެހޭ ވާހަކަ ނުދައްކާ ހުންނާނެ މީހެއް ނޫންކަން އިއްޒަތްތެރި ރައީސް.''
ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ 2013 ވަނަ އަހަރު އުފެދުނު ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރީ ހަމަ އެއްވެސް ކަމެއް ހަމަ ނުވީމަ ކަމަށެވެ. އަދި އެސަރުކާރުގެ އެ ޕޮލިސީތައް ވެސް ދިވެހި ރައްޔިތުންނަށް ކަމުނުދާތީވެ ކަމަށެވެ.
ޔާސިރު ވިދާޅުވީ 2020 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުން ކުޅުދުއްފުއްޓަށް 143 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރުގައި، 2021 ވަނަ އަހަރުގައި ވެސް 167 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށެވެ.
''އޭގެތެރެއިން ކުރެވުނީ ކޮންކަމެއްތޯ އަޅުގަނޑުމެންނަށް ކުޑަކުޑަކޮށް ބަލައި ވެސް ލެވިދާނެ. އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރޭ، 2020 ވަނަ އަހަރަކީ ދަތި އަހަރެއްކަން. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮލަން ބޭނުންވޭ، އަޅުގަނޑުމެންނަށް އަދި ޚާއްޞަކޮށް އުތުރުގެ ރައްޔިތުންނަށް ޓަކައި ކޮޗިންގ ފެރީ ފެށިއްޖެ. އެއީ އަޅުގަނޑުމެން އުފަލާ އެކީގައި ބަލައިގަންނަ ކަމެއް. ހަމަ އެއާއެކީގައި ސަރަޙައްދީ ބަނދަރުތަކުގައި %50 ޑިއުޓީ މާފުކުރެވޭ ގޮތް މި މަޖިލީހުން އިސްނަގައިގެން ކޮށްދެއްވައިފި. އަދި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަޅުގަނޑު އެ މަސައްކަތުގައި ކޮށްދެއްވި މަސައްކަތް ހަމަ ފާހަގަކޮށް، ޝުކުރު އަދާކުރަން.''
ޔާސިރުވިދާޅު ވިއެވެ.
މި ހިނގާ އަހަރު ކުޅުދުއްފުށީގެ އެއަރޕޯޓަށް 22 މިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށާއި، ހަމަ އެއާއެކީގައި މި އަހަރު ވެސް ފައިސާ ހިމެނިފައ ިވާކަށް އޭނާ ވިދާޅު ވިއެވެ.
''އަޅުގަނޑުގެ ސުވާލަކީ، ވަޒީރުން އަޅުގަނޑުމެން ޢައްޔަންކުރަނީ ވަކި ރަށަކަށްތޯ؟ އަޅުގަނޑު ގަބޫލުކުރަނީ، ވަޒީރުން ޢައްޔަންކުރަނީ ވަކި ރަށަކަށެއް ނޫން. މުޅި ދިވެހިރާއްޖެއަށް ވަޒީރުން ޢައްޔަންކުރަނީ. އެހެންވީމާ، އެއްތަނެއް ހަމަ އެއްގޮތަކަށްވެސް އޮންނަކަން ވެސް ނޭނގި ދިޔައިމަ ކަމަކުނުދާނެ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން ޢައްޔަންކުރަނީ މުޅި ރާއްޖެއަށް ޚިދުމަތްކުރަން.''
ޔާސިރު ވިދާޅުވި އެވެ.
މިމޭރުމުން ކުރިއަށް ގެންދެވި ބަހުސްގައި ޔާސިރު ވިދާޅުވީ، އޭނާ އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ، މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެނައި އިންގިލާބު ކަމަށެވެ. އަދި ޙަޤީޤަތުގައި ވެސް ރައީސް ޞާލިޙްގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް އިންގިލާބުތަކެއް ގެންނަމުންދާ ކަމަށް ފާހަގަކުރަށްވައި ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގައި ހުރި ރީޖަނަލް ހޮސްޕިޓަލަށް ގެނެވެމުމުންދާ ބަދަލު ފާހަގަ ކުރަށްވާ ކަމަށެވެ.
''އަޅުގަނޑުމެންގެ ވެރިކަމާ އެކީގައި ސީ.ޓީ ސްކޭން ތަޢާރަފުކުރުމާއި، ހަމަ އެއާއެކީގައި އެތަނުގައި އިތުރު އެތަކެއް މަސައްކަތްތަކެއް ކުރެވި، ހަމަ އެއާއެކީގައި ޑޮކްޓަރުން އިތުރުކުރުމާއި، މިހާރު އެމް.އާރު.އައި މެޝިން ބެހެއްޓުމާއި، މިފަދަ ބައިވަރު ކަންތައްތަކެއް އެބަ ކުރިއަށްދޭ.''
ޔާސިރު ވިދާޅުވިއެވެ.
ޔާސިރުވަނީ ކޯވިޑްގެ ހާލަތުގައި މި ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފް ކުރަށްވާވެސް ވާހަކަ ދައްކަވާފައެވެ. މިގޮތުން ކޯވިޑްގެ ތަދުމަޑުކަމާއިއެކުވެސް ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރުމާއި، ކާޑުގެ އަގު ބޮޑު ނުކުރުމާއި، ކަރަންޓާއި ފެނުގެ ބިލުތަކަށް ދެވުނު އެހީތަކާއި، ބޭސް ފަރުވާއަށް ދެވުނު މަދަދުތައް އޭނާ ވަނީ ފާހަގަ ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!