ލޮލުގައި އުފެދިފައިވާ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކޮށްފި އެވެ.

Ad
rt

ކޭއާރުއެޗްއިން މިއަދުބުނީ އެހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު އާލާތްތަކާއެކު ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް ފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވިފައިވާކަމަށެވެ.

މިއީ ލޮލޮގެ މިފަދަ ސާޖަރީއެއް މި ހޮސްޕިޓަލުގައި ކުރެވުނު ފުރަތަމަ ފަހަރު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް މި ޚިދުމަތް މެދުނުކެނޑި ލިބެމުން ދާނެ. ٱلْحَمْدُ لِلَّٰهِ

ކޭއާރުއެޗްއިން ބުނެފައި ވެއެވެ.

މި އޮޕަރޭޝަން ކުރެއްވީ ކޭއާރުއެޗްގެ ލޮލުގެ ޑޮކްޓަރު ޑރ. ރާޝިމް ތާކުރު އެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުން ނެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސްވަނީ ފައިގެ ކަކުލުން ތިރީގެ ބޮޑު އޮޕަރޭޝަނެއްކޮށްފަ އެވެ. މި އޮޕަރޭޝަންގައި ފިބިޔުލާ ކަށިގަނޑު ވަނީ އޮޕަރޭޝަންކޮށްފައެވެ. އެ ހޮސްޕިޓަލުގެ އޯރތޮޕީޑިކް ޓީމް އަދި އޮޕަރޭޝަން ޓީމުން ވަނީ ފިބިޔުލާ އޮޕަރޭޝަންކޮށް ސިންޑެސްމޯސިސް ހަދާފައެވެ. ސިންޑެސްމޯސިސްއަކީ ޓިބިއާ އަދި ފިބިޔުލާ ފަދަ ދެ ކަށި ހަށިގަނޑުގެ ޓިޝޫއިން ގުޅާލުމެވެ.

މީގެ އިތުރުމްވެސް މިއަހަރުގެ ޖޫން މަހު ވަނީ އެހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގާފަ އެވެ. އަދި މޭ މަހުގެ ފަހުކޮޅު އެހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ މިހާތަނަށް އެންމެ ހަގުކޮށް އެހޮސްޕިޓަލުގައި ވިހެއުމަށް ފަހު ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ކުއްޖާކަން ފާހަގަ ކޮށްލެވެ އެވެ. އާންމު ގޮތެއްގައި ދުވަސް ނުފުރާ ވިހަން ޖެހިއްޖެ ނަމަ ގިނަ މީހުން ދަތުރު ކުރަނީ މާލެއަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.