ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅު ވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނަށް ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ''މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި.'' ވިދާޅުވެ ދުޢާ ކުރަށްވާފަ އެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުނަށް އަރިސް ކުރަން. މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) November 16, 2020
ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު ނަމަވެސް، އެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ފަރީދުގެ ރަސްކަމުގައި 14 އަހަރު އެ ދުވަސް ފާހަގަ ކުރުމަށް ފަހު އެކަން ހުއްޓުނެވެ. އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަސް ވަނަ އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު އެވެ.
މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ދިމާވަނީ މާދަމާ، ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއެވެ. ރާއްޖެ އިސްލާމްވި ދުވަހަކީ ހިޖުރީގޮތުން ރަބީޢުލް އާޚިރުމަހުގެ 2 ވަނަ ދުވަހެވެ.
މިއަހަރަށް ރާއްޖެ އިސްލާމްވިތާ މީލާދީ ގޮތުން 867 ފުރޭނެ އެވެ. އަދި ހިޖްރީ ގޮތުން 894 އަހަރު ފުރޭނެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!