ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓަށް މިއަދު ހެނދުނު 9:10 ހާއިރު ޓެސްޓް ފްލައިޓް ޖެއްސި ވަގުތަކީ ތަރައްޤީއަށް އެދިގެން ރަށެއްގެ ރައްޔިތުން ދައްކަމުންދިޔަ ބަދަހިކަމާއި، އެކުވެރިކަމުގެ ނަތީޖާ ފެނިގެން ދިޔަ އުފާވެރި ވަގުތު ކޮޅެވެ.

އެމަންޒަރު ދެކިލަން ހޯރަފުށީގެ އެތައް ރައްޔިތުންނެއް ތިބީ ހޯރަފުށީ އެއާޕޯޓް ސަރަޙައްދަށް ޖަމާވެފައެވެ. ޤައުމީ އެއާލައިންގެ ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި ޖެއްސިވަގުތަކީ އެތައް އަހަރެއްވަންދެން އެމަންޒަރު ދުށުމުގެ އިންތިޒާރުގައި ތިބި ހޯރަފުށީގެ އެތައް ރައްޔިތުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިގެންދިޔަ ވަގުތު ކޮޅެވެ.

Ad
rt

ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް އެވަގުތު އެއާޕޯޓްގައި ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޯރަފުށީ ކައުންސިލްގެ ބޭފުޅުންނާއި، އެމަސައްކަތުގައި ސާމިލްވި ގިނަ ބަޔަކު އެއާޕޯޓުގައި ތިއްބެވެ.

ފޮޓޯ: އެމްޓީސީސީ

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

މިއެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ މި ސަރުކާރަށް 2 އަހަރު ފުރޭ ދުވަހާއި ދިމާކޮށް މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.