ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް ކެނޑިނޭޅި އެދެމުންދާތީ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މަޖިލިސް މެންބަރުން ފަށައިފި އެވެ.
ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
ސޮއި ކުރެއްވި 10 މެންބަރުންގެ ތެރޭގައި ހިމެނެނީގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ)، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.
މިމައްސަލައިގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަން ގާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށެވެ.
"މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މުހައްމަދު މަލީހު ޖަމާލް އިތުރަށް ބެހެއްޓުމަކީ މި ޕާޓީގެ އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރަން ހުށަހެޅީމެވެ،"
އެ މައްސަލައިގައި ބުނެފައިވެ އެވެ.
އަދި އެ ގާނޫނުން ހެދުމަށް ލާޒިމުކުރާ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރު މަލީހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސްއަޅާފައިވާކަން ސާފުވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިމިވަނީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މަލީހުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!