މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ)ގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ.
"ފަހިވޯޓު" މެދުވެރިކޮށް ކުރިއަށް ދިޔަ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އެމްޓީސީސީގެ 14 ޙިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269
ޙިއްސާދާރުން ތަމްސީލް ކުރެވުނުކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ޖަލްސާގައި މުޅިއެކު ތަމްސީލްވީ 283 ޙިއްސާދާރުން ކަމަށާއި، އެއީ 5,577,217 ޙިއްސާ ކަމަށެވެ.
''ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްސާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ. މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބުކުރެވޭނީ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި، ޙިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.''
އެމްޓީސީސީން ބުންޏެވެ.
މިގޮތުން މިއަދު ބޭއްވުނު ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި، ޢާންމު ޙިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ކަމުގެ މަޤާމަށް މުޙައްމަދު އިމްރާން އަދުނާން، މ. މެއިންޒް ވަނީ އިންތިޚާބު ވެވަޑައިގެންފައެވެ.
އެމްޓީސީސީގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާނެ ޑިރެކްޓަރުންނަކީ ސަރުކާރުގެ ފަރާތުން ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި މުހައްމަދު ފަރީދު އެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާނީ މުހައްމަދު އިމްރާނުގެ އިތުރުން ނަސްރަތު މުހައްމަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!