ސްޓެލްކޯގެ ފަރާތުން މާލެ ސިޓީގައި ގާއިމްކުރި "ބަސް ހުއްޓި" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ.

މި ކަމަށްޓަކައި ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިފަދަ އިޖުތިމާއީ މަސައްކަތެއް ކޮށްދެއްވިކަމަށްޓަކައި ސްޓެލްކޯއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއާއިއެކު އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށްވެސް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

Ad
rt

"އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް. ސްޓެލްކޯއިން މި ހަދިޔާކުރި ބަސް ސްޓޮޕާއިއެކުވެސް ރައްކާތެރި ޚިދުމަތެއް އެބަ ރައްޔިތުންނަށް ލިބޭ. ދެދުވަހެއް ކުރިން މި ހުޅުވި ޕާކަކީވެސް އިޖުތިމާޢީ ހިތްހަމަޖެހުން ޙޯދައިދިނުމަށް ކުރެވުނު މަސައްކަތެއް."

ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއަށް ދިމާވެފައިވާ މަގުތަކުގެ ޖާގައިގެ ދަތިކަމާއި ޓްރެފިކްގެ މައްސަލަތައްވެސް ޙައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ކޯވިޑް 19 ގެ މިޙާލަތާއި ގުޅިގެން މުޅި ރާއްޖެއަށްވެސް ދަތި ވަގުތެއް ކުރިމަތިވެފައި ވާކަމަށާއި، ކަރަންޓުފަދަ ޒަރޫރީ ވަސީލަތްތައް އިސްރާފުކުރުން ކުޑަކޮށް، ފަހަށް ރައްކާކުރުމުގެ އާދަ އަށަގަންނުވަންޖެހޭކަމަށްވެސް ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހަސަން މުޣުނީ ވިދާޅުވީ، މި މަސައްކަތަކީ އިޖްތިމާޢީ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށް ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށެވެ.

މީގެއިތުރަށް ޔޫއެސްބީ ޗާޖިންގ ޕޮއިންޓްތަކެއްވެސް ބަސް ސްޓޮޕްގައި ވަނީ ހަދާފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ބަސް ސްޓޮޕްގައި ބަސް ދަތުރުތަކާއިގުޅޭ މަޢުލޫމާތުވެސް ފެންނަން ހުންނާނެކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ބަސް އޮތް ސަރަޙައްދު ބެލުމަށް ޓްރެކިންގ ޑިވައިސްވެސް ބަހައްޓާނެ ކަމަށްވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ސްޓެލްކޯގެ މުޢައްޒަފުންވަނީ ބައިވެރިވެފައިވެއެވެ. މާލެ ބޮޑުތަކުރުފާނު މަގުގައި ސްޓެލްކޯއިން ތަރައްގީ ކުރި މި ބަސް ސްޓޮޕް ވެގެންދާނީ ތިމާވެއްޓާއި ރައްޓެހި ޖާގަ ތަނަވަސް ބަސް ސްޓޮޕް އަކަށެވެ.