ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް ކުރިކަމެއްގެ ގޮތުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ސިފަކުރަށްވައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު (މިއަދު) ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން މި މަހު 8 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަތައް ބަލަން ނިންމާފައިވުމާއިއެކު، މައްސަލަ ބަލައި ނިމެންދެން އަބްދުﷲ ރަޝީދު ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އެލްޖީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އަބްދުﷲ ރަޝީދާ ގުޅޭ 11 މައްސަލައެއް އެ އޮތޯރިޓީ އަށް ހުށަހަޅާފައިވެއެވެ. އެ މަސްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީއިރު 10 އަހަރަށް އެގްރިމަންޓު ކުރުން.
  • މިއަހަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓް ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނުވުން.
  • ކޭބަލްޓީވީ ޚިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑީކޯޑަރު ގަތުމަށް ކައުންސިލުގެ ބަޖެޓުން ޚަރަދު ކޮށްފައިވުން.
  • ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގިއިރު އެކަމަށް އެދި ހުށަހެޅި މީހުންނާއި އިންޓަވިއު ކޮށްފައި ނުވުން.
  • މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެ މަގާމަށް އިއުލާން ކުރުމަށްފަހު ކައުންސިލަރު ބޭނުން މީހަކު މަގާމަށް ނެގުން.
  • ކައުންސިލަށް ހޯދާ ތަކެތި ގަތުމުގައި ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކިފަހަރު މަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން.
  • ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން.
  • ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މާލިއްޔަތު ޤަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ނުކުރުން.
  • ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނެތުން
  • ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކުރުން.

މި މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީވުމަށް އަބްދުﷲ ރަޝީދަށް މި މަހު 24 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް އެލްޖީއޭއިން ވަނީ ވަގުތު ދީފައެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް އެލް.ޖީ.އޭ އިން މިއަދު ސަސްޕެންޑް ކުރުމުން، އުތީމު ނިސްބަތްވާ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވީ އެއީ މި ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށެވެ.

ު''އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑް ކުރުމަކީ މި ސަރުކާރުން ހިންގި ފިނޑި އަމަލެއް. ޕީޕީއެމްގެ ކެންޑިޑޭޓުން މިގޮތަށް ސަސްޕެންޑްކޮށް ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ފެއިލްވެ ތާއީދު ނެތުމުން. މިކަން ކުށްވެރިކުރަން."

ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ ޢަބުދުﷲ ރަޝީދަކީ ނަމޫނާ، ހިންގުންތެރި ކައުންސިލަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް،ޕީއެންސީ ކޯލިޝަން އޮތީ އޭނާއާއި އެކުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޕީޕީއެމަށް ނިސްބަތްވާ އަބްދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އުތީމު ކައުންސިލުގެ ރައީސްކަމަށް ވަނީ ކުރިމަތިލާފައެވެ.