ޖަޕާނު މީހުންނަކީ އަބަދުވެސް ކަންކަން ކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ބަޔެކެވެ. ދުނިޔޭގެ ތަހުޒީބު ވެފައިވާ ޤައުމުތަކުގައި ބޭނުން ކުރާ ޓެކްނޮލޮޖީއަށްވުރެވެސް ބައެއް ފަހަރު ޖަޕާނުން ބޭނުންކުރާ ޓެކްނޮލޮޖީ މާ ތަފާތުވެފައި މޮޅެވެ.

މިފަހަރު، ޖަޕާނުގެ ތީމް ޕާކެއްގެ ވާހަކައެވެ. މި ޕާކުގެ އެންމެ އާދަޔާ ޚިލާފުކަމަކީ މަޝްހޫރު ޚިޔާލީ ފިލްމު "ގޮޑްޒިލާ" އާއި އެއްގޮތަށް އެއްޗެއް ހަދާފައި ހުރުމެވެ. އަދި މި ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ޒިޕްލައިން ކުރުމުގެ ހަރަކާތްތަކުގައި ސީދާ ގޮޑްޒިލާގެ އަންގަޔަށް ކުރެވޭ ގޮތްވެސް ހަދާފައެވެ. ޒިޕްލައިން ކުރުމަކީ ދުރު ރާސްތާއެއް ވާގަނޑެގައި ނުވެއްޓޭނެ ހެން އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރުމެވެ.

Ad
rt

ގޮޑްޒިލާއަކީ ޚިޔާލީ ވާހަކަ އަކަށް ބިނާކޮށް ކުޅެފައިވާ ދުނިޔޭގެ ގިނަ މީހުންގެ މެދުގައި މަޝްހޫރު ފިލްމެކެވެ. އަދި މި ކެރެކްޓަރު އެންމެ ވައްތަރުވާނީ ދުނިޔެއިން ނެތިގޮސްފައިވާ ޑައިނަސޯރ އަކާއިއެވެ.

މި ތީމް ޕާކުގައި ޤާއިމުކޮށްފައިވާ ޒިޕްލައިން އަކީ، 20 މީޓަރު އުސް، 25 މީޓަރު ފުޅާ އަދި 55 މީޓަރު ދިގު ޒިޕްލައިންއެކެވެ. އަދި މި ޒިޕްލައިން ހަރުކޮށްފައިވަނީ މި ތީމް ޕާކުގެ މެދުގައެވެ.

މި ތީމް ޕާކުގައި ގޮޑްޒިލާ އާއި ބެހޭ އިތުރު މަޢުލޫމާތު ވީޑިޔޯގެ ޒަރީޢާއިންވެސް ލިބޭ އިރު، ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ މި ތީމް ޕާކުގައި މިއާއި އެކު އެކުލަވާލާފައެވެ. އަދި މި ޒިޕްލައިންގައި ދަތުރުކުރާއިރު ޚާއްސަ ދަބަހެއް ކޮންމެ ބައިވެރިއަކަށް ލިބޭ އިރު، މިއީ ފޮޓޯ ނެގުމަށް ގެންގުޅޭ ފޯނު ފަދަ ތަކެތި ވެއްޓުނަ ނުދީ ބެހެއްޓުމަށް ދޭ ދަބަހެކެވެ.

ނޫސް ފަތުރާ ވަސީލަތްތަކަށް މި ޕާކުގެ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، އޮކްޓޯބަރ މަހު މި ޕާކު ހުޅުވިފަހުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. އަދި މި ބަލި މަޑުކަމަށްފަހުވެސް، ގިނަ ބަޔަކު ވަނީ ޕާކަށް ޒިޔާރަތްކުރަން ފަށާފައެވެ.

ޖަޕާނު ސަރުކާރުން އެ ޤައުމުގެ ރައްޔިތުން ޤައުމު ތެރެއިން ދަތުރު ކުރުމަށް ގޮވާލާފައިވާ އިރު، އެ ޤައުމުގެ މި ޕާކުގައިވެސް އަތް ދޮވުމަށް އިލްތިމާސްކޮށް، ގައިދުރުކަން އިސްކުރުމަށް ވަނީ ގިނަ ގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، މި ޕާކަށް ވަނުމުގެ ކުރިން ކޯވިޑް-19 ގެ އަލާމާތެއް ހުރިތޯވެސް ބަލާ ޗެކުކުރެއެވެ.