ފުލުހުން ރޭ ހުއްޓުވި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅިގެން މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ.

Ad
rt

އެ ކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާކަން ހާމަކޮށް ފުލުހުން ރޭ އިތުރަށް ބުނީ މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތ. ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ކަމަށެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައި ކަމަށް ވެސް ރޭ ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާއިގުޅޭ އިތުރު މަޢުލޫމާތު ފުލުހުންއަދި ހާމަކުރަށްވާފައި ނުވާއިރު، ފުލުހުން ބުނެފައިވަނީ އޮޕަރޭޝަންގެ މައުލޫމާތު ލިބެމުންދިޔަ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނެކަމަށެވެ. ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.