ބަޙްރައިންގެ ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ބަޙްރައިންގެ ބޮޑުވަޒީރު، ޝެއިޚް ޚަލީފާ ބިން ސަލްމާން އަލްޚަލީފާ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފައިވަނީ މިއަދު އެވެ. ބޮޑުވަޒީރު އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮންނެވެ.
ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ކުރައްވާފައިވާ މަސައްކަތްޕުޅާއި, ޑިޕްލޮމަސީގެ ދާއިރާއިން ޙާޞިލުކުރައްވާފައިވާ ކުރިއެރުންތަކަކީ ބަޙްރެއިންގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ފާހަގަކުރާނެ މުހިންމު މަސައްކަތްޕުޅު ތަކެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ރާއްޖެއާއި ބަޙްރެއިންގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެން އަދި ބޮޑުވަޒީރުގެ ފުރާނަ ފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ހަފްތާއެއް ވަންދެން ހިތާމަ ފާޅުކުރަން ނިންމާ، ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ދައުލަތުންވަނީ ނިންމައިފައެވެ.
ޝެއިޚް ޚަލީފާ ބިން ސަލްމާނަކީ މިހާތަނަށް މުޅި ދުނިޔެއިންވެސް ޤައުމެއްގެ ބޮޑު ވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ. އެބޭފުޅާވަނީ 1970 ވަނަ އަހަރުން ފެށިގެން އެޤައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެހެންނަމަވެސް 2002 ވަނަ އަހަރު ޤާނޫނަށް އައި ބަދަލުތަކާއި ގުޅިގެން ބޮޑުވަޒީރުގެ ބައެއް ބާރުތައް ގެއްލި ވަޑައިގަތެވެ.
އެމަނިކުފާނު އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ. އުފަންވެ ވަޑައިގެންނެވީ 1935 ވަނަ އަހަރު ބަޙްރައިންގެ ޖަސްރާގައެވެ. އަވަހާރަވީއިރު އެމަނިކުފާނުގެ 4 ބޭފުޅުން ތިއްބަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!