ޖުމްހޫރީ ވެރިކަން ދިވެހީންނަށް ތަޢާރަފުވިގޮތް

jumhooree dhvuas

"ޤައުމެއް ކުރިއަރައިދިއުން އޮތީ، އެ ޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ. އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެ ވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ."

މިއީ ދިވެހީންނަށް ޖުމްހޫރީ ވެރިކަން އެންމެ ފުރަތަމަ ތަޢާރަފުކޮށް ދެއްވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބަސްފުޅެކެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފު ކޮށްދެއްވި ދުވަހު އާ ގާނޫނު އަސާސީ ފާސްކުރެއްވުމުން މަޖިލީހުގައި ކުރެއްވި ތާރީޚީ ތަޤުރީރުގައެވެ.

އެންމެ ކުރިއްސުރެ ވެސް ދިވެހިރާއްޖޭގައި އޮތީ ވިރާސީ ރަސްކަމުގެ ނިޒާމެއްކަން ތާރީޚުން އެނގެވެ. އެކިއެކި ހަމަނުޖެހުންތަކާއި ހާލަތަށް އައި އެކިއެކި ބަދަލުތަކާއެކު އެކިއެކި ދަރިކޮޅުތަކަށް ވެރިކަން ފުރޮޅެމުން ބަދަލުވަމުން ދިޔަޔަސް ވެރިކަމުގެ ނިޒާމު އޮތީ ދާދި އެއްގޮތަކަށެވެ. ދިވެހިރާއްޖޭގައި ރަސްކަން ހަތްވަރަކަށް ދަރިކޮޅުން ކޮށްފައިވާއިރު އެއިން ކޮންމެ ދަރިކޮޅަކުން ވެސް ރަސްކަން ކުރަމުން އައީ ވިރާސީ ގޮތުން ވާރުތަވާ ކޮންމެ ވެސް އުސޫލަކުންނެވެ.

ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމަކީ އުސޫލުތަކަކާއި ހަމަތަކެއް ހިފެހެއްޓިފައި އޮތް، ރީތި އާދަކާދަތަކަކާއި ދިވެހި ސަޤާފަތެއްގެ މައްޗަށް ހިންގަމުންއައި ދިވެހިވަންތަ ސިފަތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ރަސްކަމުގެ ނިޒާމު އޮތްއިރު ކީރިތި މަހާރަދުންނަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާއެވެ.

މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި ކީރިތި މަހާރަދުން ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އިންނަވާފައި، ސަރުކާރު ހިންގެވުމަށް ބޮޑު ވަޒީރުން އައްޔަން ކުރައްވަމުން ގެންދަވާފައިވެއެވެ. ދިވެހިރާއްޖެއަށް 1932 ވަނަ އަހަރު ޤާނޫނު އަސާސީއެއް އަލަށް ތަޢާރަފުކުރެވުނު އިރުގައި ކީރިތި މަހާރަދުންނާއި ބޮޑުވަޒީރުގެ ދައުރުތައް ފުރަތަމަ ފަހަރަށް ލިޔެވި އެކަށައެޅުނެވެ. އެވޭލާ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމުން ރިޔާސީ ނިޒާމަކަށް ރާއްޖެ ދަތުރުކުރީ ފުރަތަމަ ތަޢާރަފު ކުރެވުނު ޤާނޫނު އަސާސީއާ ހަމައިން ހިލިގެން ދިގުލައިގެން ދިޔަ ސިޔާސީ ހަމަނުޖެހުންތަކަށްފަހު ދުނިޔެއާއި ރާއްޖޭގެ ހާލަތަށް އައި ބަދަލުތަކާއެކުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ކިރިތި މަހާރަދުންނާއި ބޮޑުވަޒީރުގެ ދައުރުތައް ބަޔާންކޮށްފައި އޮތްގޮތުންނާއި ރަސްކަން ބަދަލުވާގޮތް ބަޔާންވެގެން އޮތް ގޮތުން އެކަންވީ އޭރު ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ހިތްޕުޅާހަމަކުރެއްވި ކަމަކަށް ނޫނެވެ. ދައުލަތުގެ ހުރިހާ ބާރެއްގެ މައްޗަށް ބަސްވިދާޅުވެ އަމުރު މަޢުރޫފު ހިންގަވަން ފުރުސަތު ލިބިވަޑައިގެންފައި އޮތް ތިރީހަކަށް އަހަރު ރަސްކަން ކުރެއްވި ރަސްކަލަކަށް މިފަދަ ކުއްލި ބަދަލެއް އައުމުން ވާނެގޮތް ވީއެވެ. ދިވެހިރާއްޖޭގައި ދުސްތޫރީ ޙުކޫމަތެއް ފެށުމާއެކު އައި ބޮޑެތި ބަދަލުތަކަށް މާގިނަ ދުވަހެއް ނުވެ 1933 ވަނަ އަހަރު ދިވެހީން ދުށީ "މޮޓަރުބޯޓުގެ ގަޑުބަޑު" އެވެ. އެ ގަޑުބަޑުގައި ފުރަތަމަ ޤާނޫނު އަސާސީ ވަނީ ގުޅަކުޅޭ ފަސްގަނޑުގައި ރައްޔިތުން އެދުމުގެ މަތިން ވިދާލައިފައެވެ. މި ހަމަނުޖެހުންގަޑަށްފަހު ސިޔާސީ ނުތަނަވަސްކަން ފިނިނުވެ އުޅެނިކޮށް ފެނިގެން ދިޔައީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) 1934 އޮކުޓޫބަރު 7ވަނަ ދުވަހު ރަސްކަމުން އަޒުލުކުރެވިގެން ދިޔަ މަންޒަރެވެ.

ޝަމްސުއްދީން ރަދުންނަށްފަހު ރަސްކަން ލިބިވަޑައިގެންނެވީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) އަށެވެ. އެ ރަދުން 21 ފެބުރުވަރީ 1935 އިން 07 އެޕްރީލު 1943 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. ޝަމްސުއްދީން ރަދުންގެ ރަސްކަން ނިމުމަކަށްނިމި، ޙަސަން ނޫރައްދީން ރަދުންގެ ރަސްކަން ފެށުނުއިރު އައިއިރު ދައުލަތުގެ ބާރުތައް އޮތީ އަތިރީގޭ ބޭފުޅުންގެ އަތްޕުޅު މަތީގައެވެ. ބޮޑުވަޒީރުކަމާއި ސިފައިންގެ ވެރިކަން އޮތީ އަލްއަމީރު މުޙައްމަދު ފަރީދަށެވެ. ދައުލަތް ހިންގެވުމުގެ ހުރިހާ ބާރެއް އޮތީ އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. އޭރު އެ ދެ ބޭފުޅުންގެ ބައްޕާފުޅު ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނަކީ ރައްޔިތުންގެ ކުރިމަތީގައި "މާތްވެރިޔާ" އެވެ.

މާތްވެރިޔާގެ ނާއިބުގެ މަޤާމު އޮތީ އަލްއަމީރު ޙަސަން ފަރީދަށެވެ. ދެވަނަ ފެށުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުން ފާސްކުޅަ ފާސްކުރުމަކާ ގުޅިގެން ދައުލަތް ހިންގުމުގެ އެންމެ މަތީ ބާރު އަލްއަމީރު ޙަސަން ފަރީދަށް ލިބިވަޑައިގެންނެވިއެވެ. އެ ގޮތުގައި ދައުލަތް ހިނގަމުން އައިސް ދެވަނަ ބޮޑު ހަނގުރާމަ ގުޅިގެންނާއި ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކީރިތި މަހާރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ 07 އެޕްރީލް 1943 ގައި އެއް ފަހަރާ އިސްތިޢުފާ ދެއްވީއެވެ. އެ ދުވަސްވަރު ދައުލަތް ހިންގެވުމުގެ ބާރުތައް އޮތީ އަލްއަމީރު މުޙައްމަދު އަމީނުގެ އަތްޕުޅުމައްޗަށް ދީލާލައިފައެވެ. ވަޒީރުއްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު އަދާކުރައްވަމުން ގެންދެވި ދައުލަތް ހިންގެވުމުގެ ޒިންމާތައް ހިންގަވަމުން ގެންދެވާތަން ފަހުން ފެންނަން ފެށީ ވަޒީރުއްދާޚިލިއްޔާގެ ޤާއިމުމަޤާމުގެ ގޮތުގައި ހުންނެވި އަލްއަމީރު މުޙައްމަދު އަމީނެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން ރަސްކަމުން އިސްތިޢުފާ ދެއްވުމުން ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚްތަށް 12 އެޕްރީލް 1943 ގައި ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އިންތިޚާބު ކުރެވުނު ނަމަވެސް ރަސްކަމުގެ ތަޚުތު ހުރީ ފަޅަށެވެ. އެމަނިކުފާނު އޭރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެ ވަޑައިގެންނެވުމުގެ ކަންތައްތައް ހަމަނުޖެހި އެކަން ދިޔައީ ދިގުލަމުންނެވެ. އެ ހާލަތުގައި ދައުލަތް ހިންގަވާނެ ބޭފުޅަކާމެދު ކުރެވުނު މަޝްވަރާތަކަކަށް ދައުލަތް ހިންގަވާނެ ބޭފުޅަކަށް ހަމަޖެހިގެން ދިޔައީ އަލްއަމީރު މުޙައްމަދު އަމީނެވެ. އެ ދުވަސްވަރު ތަޚުތަށް އިސްކުރެވިފައިވާ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ރަސްމީ ނަންފުޅަކަށް އޮންނަނީ "ސުމުއްވުލް އަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އަލްމުންތަޚައްބު ލިޢަރްޝިއްދައުލަތިލް މަހަލްދީބިއްޔާ" އެވެ. އާދެ! އެއީ ދިވެހި ތަޚުތަށް އިންތިޚާބު ކުރެވިފައިވާ ވެރިޔާއެވެ.

ދިވެހި ދައުލަތް ހިންގެވުމުގެ ޒިންމާ އަދާކުރައްވަމުން ވަޑައިގެންނެވި އަލްއަމީރު ޙަސަން ފަރީދު ދީދީ އިނގިރޭސިވިލާތުގެ މަނަވަރެއްގައި ސިލޯނަށް ކުރެއްވި ދަތުރެއްގައި 1944 ވަނަ އަހަރު ގެއްލިވަޑައިގަތެވެ. ދުޝްމަނުން ދިން ހަމަލާއެއްގައެވެ. އޭރު ވަޒީރުލްދާޚިލިއްޔާގެ ޤާއިމު މަޤާމުގައި ހުންނަވައިގެން ދައުލަތް ހިންގަވަމުން ގެންދެވީ އަލްއަމީރު މުޙައްމަދު އަމީނެވެ. ފަހުން ދައުލަތް ހިންގެވީ ދާޚިލީ ވަޒީރުކަމުގައި ހުންނަވައިގެންނެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެވިފައިވާ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު 1952 ވަނަ އަހަރު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ޙަޤީޤީ ބާރާއި މަސްއޫލިއްޔަތު އަލްއަމީރު މުޙައްމަދު އަމީނުގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ބޭނުންފުޅު ގޮތަކަށް ކުޅިޖައްސަވަން އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންފިއެވެ.

އެ ހާލަތުގައި ނިޒާމެއްގެ ތެރެއިން ދައުލަތް ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް އަލްއަމީރު މުޙައްމަދު އަމީން ބޭނުންފުޅުވެ ވަޑައިގެންނެވީއެވެ. އެކަމަކު އެއް ގޮތަކަށް ވެސް ރަސްކަލެއްގެ ގޮތުގައި ރަސްކަމުގެ ތަޚުތުގައި އިށީންދެވަޑައިގަންނަވާކަށް އެ މަނިކުފާނުގެ ޟަމީރު ބޭނުންފުޅެއް ނުވިއެވެ. ދައުލަތުގެ ހުރިހާ ބާރެއް އެ މަނިކުފާނުގެ އަތްޕުޅަށް އެރުމާއި ރަސްކަމެއް ކުރެއްވުމަށް އެ މަނިކުފާނު ބޭނުންފުޅު ނުވުމާއެކު ދެން އައީ ވެރިކަމުގެ ނިޒާމު އެ މަނިކުފާނު ބޭނުންފުޅު ގޮތަށް ބަދަލުވެގެން ދިޔަ ބޮޑު ބަދަލެވެ. ދިވެހިރާއްޖޭގައި އެވޭލާ ޒަމާނުއްސުރެ ވެރިކަން ކުރަމުން އައި ރަސްކަމުގެ ނިޒާމުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރެއްވުމުގެ ބަދަލެވެ. ޤާނޫނު އަސާސީއެއް އެކުލަވައިލައި ވެރިކަމުގެ ނިޒާމު ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު އޮމާންކަމާއެކު އެ މަނިކުފާނު ބޭނުންފުޅުވި ގޮތަށް ބަދަލުކުރެއްވީއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ތަޢާރަފުވެގެން ދިޔައީ 1953 ޖަނަވަރީ 1 ވަނަ ދުވަހުއެވެ. ކޮލި ލުމަކީ ރަސްކަމުގެ އާދަކާދައެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް އެ ދުވަހު ވަލީއުލްއަމުރުކަމަށް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ކޮލި ލެއްވިއެވެ. ވަލިއްޔުލް އަމުރުގެ ގޮތުގައި ޤާނޫނު އަސާސީގައި އެ މަނިކުފާނުގެ ނަންފުޅު ވެސް އޮތީ ލިޔެވިފައެވެ. އެއީ ވަލީއުލްއަމުރުގެ އިތުރުން ބޮޑުވަޒީރު ވެސް މެއެވެ. ދިވެހިރާއްޖެއަށް އަލަށް ތަޢާރަފު ކުރެވިގެން ދިޔަ ޖުމްހޫރީ ވެރިކަމަށް 7 މަހާއި 26 ދުވަސްވީތަނާ 21 އޮގަސްޓު 1953ގައި ގެނައި އިންގިލާބަކާއެކު މުޙައްމަދު އަމީނުގެ ވެރިކަމާއި ޖުމްހޫރީ ވެރިކަމުގެ ނިޒާމު ވެސް ކަފުންކުރެވުނީއެވެ. އެ މަނިކުފާނު ބޭނުންފުޅު ވެގެން ގެންނެވި ނިޒާމު އެ މަނިކުފާނުގެ ވެރިކަމާއެކު ނިމިގެން ދިޔައީއެވެ.

އިންގިލާބީ ލީޑަރުން ކަމުގައިވާ އަލްފާޟިލް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ އާއި ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު އިސްކޮށް ތިއްބަވައިގެން ދުވަސްކޮޅަކު ރާއްޖޭގެ ވެރިކަން ހިންގެވުމަށްފަހު ދެންފެނުނީ އަނެއްކާ ވެސް ރާއްޖޭގައި ރަސްކަމެއް ފެށުނުތަނެވެ. 07 މާރިޗު 1954 ގައި ޤާއިމުކުރެވުނު އެ ރަސްކަމަކީ އިންތިޚާބީ ރަސްކަމެކެވެ. ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލެވެ. އެ ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރަކަށް އައްޔަން ކުރެއްވީ އިންގިލާބީ ލީޑަރެއްކަމުގައިވާ އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. އިނގިރޭސީންނަށް 100 އަހަރަށް އައްޑު އަތޮޅު ގަން ދެއްވުމަށް ފާމުލަދޭރި ކިލެގެފާނު ވެވަޑައިގެންނެވި އެއްބަސްވުމެއްގެ މައްސަލަ ހޫނުވެ އެންމެ ފަހުން 11 ޑިސެންބަރު 1957ގައި ބޮޑު ވަޒީރުކަމުން އިސްތިޢުފާ ދެއްވަން މުޖުބޫރުވެވަޑައިގަތެވެ. ޖެހިގެން އައި ދުވަހު، 12 ޑިސެންބަރު 1957ގައި ރާއްޖޭގެ ބޮޑު ވަޒީރުކަމަށް އިސްކުރެވުނީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރިކިލެގެފާނެވެ.

ބޮޑުވަޒީރުގެ މަޤާމުގައި 11 ނޮވެންބަރު 1968 އާ ހަމައަށް 11 އަހަރު، އެ މަނިކުފާނު ހުންނެވިއެވެ. ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލް ރަސްކަމުގައި އިންނެވި ނަމަވެސް އެ ދުވަސްވަރު ދައުލަތާއި ސަރުކާރުގެ ބާރުތައް އޮތީ ބޮޑު ވަޒީރު އިބްރާހީމް ނާޞީރުގެ އަތްޕުޅުގައެވެ. ވޯރާ ވިޔަފާރިވެރިންގެ މައްސަލައާއި އައްޑޫގަޑުބަޑު ހަމަޖެއްސެވިއެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވައި، އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެ ހެއްދެވިއެވެ. މީގެއިތުރުން އިޖުތިމަޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ގެންނެވި ހެޔޮ ބަދަލުތަކުގެ ސަބަބުން ސިޔާސީ އުދަރެހުގައި ވިދަމުން ދިޔައީ ނާޞީރުގެ ނަންފުޅެވެ. މުޙައްމަދު ފަރީދުގެ ރަސްކަން ނިމިގެންދިޔައީ ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުންނެވެ.

ދެވަނަ ފަހަރަށް ޖުމްހޫރީ ނިޒާމެއް ރާއްޖެއަށް ތަޢާރަފު ކުރެވުނީ ވެސް ރައްޔިތުން ޖުމްހޫރީ ނިޒާމެއް ބޭނުން ވެގެންނެއް ނޫނެވެ. އެއީ ވެސް ދައުލަތް ހިންގެވުމަށް ތިއްބެވި ބޭފުޅުން ބޭނުންފުޅު ވެގެން ގެންނެވި ބަދަލެކެވެ. ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓުން ފާސްވީ ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމަށެވެ. އެއަށްފަހު ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ވެސް ނެންގެވިއެވެ. 15 މާރިޗު 1968 ގައި ނެގުނު އެ ވޯޓުގެ ކަރުދާސްކޮޅުގައި ފާހަގަ ޖަހަން ރައްޔިތުންނަށް ދައްކާފައިއޮތީ ތަރިއަކާއި ރުކެކެވެ. މަތީ ގޮޅީގައި ތަރިއެއް ކުރަހާފައި ތާނައިން "ރަސްކަން" ލިޔެފައިއޮތެވެ.

ތިރީ ގޮޅީގައި ޖުމްހޫރިއްޔާ ޢަރަބިން ލިޔެފައި ރަމުޒަކަށް ކުރަހާފައި އޮތީ ރުކެކެވެ. ރަސްކަމަކާއި ޖުމްހޫރިއްޔަތަކާ ހުރި ތަފާތު ދިވެހީންނަށް ނޭނގުނަސް ތަރިއަކާއި ރުކަކާހުރި ތަފާތު ރައްޔިތުންނަށް އެނގެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ބޭނުން ފުދޭނީ ކޮން އެއްޗަކުންނަށް އެނގެއެވެ. އުޑުގައި ހުންނަ ތަރިއަކުން ކުރެވޭނެ ބޭނުމެއް ނޭނގުނަސް ދިވެހީންގެ ދިރިއުޅުމާއި ކެއިންބުއިމުގައި ދިވެހި ރުއް އަދާކުރާ ދައުރުގެ ބޮޑުކަން އިތުރަށް ކިޔައިދޭކަށް ނުޖެހެއެވެ. ޖުމްހޫރިއްޔާ ޢަރަބިން ލިޔެފައި އޮތުމަކީ ވެސް ދިވެހީންގެ ހިތްތަކުގައި ޖުމްހޫރިއްޔާއަށް ގަދަރު އުފުލިގެން ދިޔަ ސަބަބަކަށް ވެދާނެއެވެ.

ކޮންމެ އަކަސް، ގިނަ ބަޔަކު ރުއް ކުރަހާފައިވާ ގޮޅީގައި ފާހަގަ ޖެހުމުން ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމަށް ފާސްވެގެން ދިޔައީއެވެ. އެއާއެކު ޤާނޫނު އަސާސީ އަލުން އެކުލަވައިލައި 11 ނޮވެންބަރު 1968 ގައި ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަން އުފެއްދެވީއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި އިންތިޚާބުވެވަޑައި ގެންނެވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އޭގެފަހުން ރާއްޖޭގައި ހިނގަމުން މިދަނީ ޖުމްހޫރީ ވެރިކަމެކެވެ. ރައްޔިތުންގެ ވެރިކަމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ނިސްބަތްވީ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަން ފެށުނު ދުވަހަށެވެ.

ނޯޓު: މިއީ މައުލޫމާތުގެ ގޮތުން މުއްސަނދި ލިޔުތްތަކެއް ލިޔުއްވަމުންގެންދަވާ ހުނަރުވެރި، ލިޔުންތެރިޔާ އަބުދުﷲ ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން ފުރަތަމަ ޝާޢިއު ކުރެވުނީ 11 ނޮވެމްބަރު 2020 ގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *